
އެ ޑޮކިއުމެންޓްރީގައި ސީދާ ކާކުކަން ހާމަކޮށްފައި ނުވާ އަންހެނަކު، އޭނާއާއި ރައީސް މުއިއްޒުއާ ދެމެދު ހާއްސަ ގުޅުންތަކެއް އޮތް ކަމަށް ބުނެ ވާހަކަ ދައްކައެވެ. އޭނާއަށް މުއިއްޒު ގުޅުއްވި ވަގުތުތަކާއި ދެއްކެވި ވާހަކަތަކާއި ދެއްވި އިނާޔަތްތަކާއި ހެއްދެވި ގޮތްތަކާއި މިހެން ގޮސް ވަރަށް ގިނަ ވާހަކަ ދައްކައެވެ.
ހަމަ ގައިމުވެސް އެ ޑޮކިއުމެންޓްރީ އާންމުވެގެން ހިނގާ މިދިޔަ މަހެއްހާ ދުވަހުގެތެރޭގައި ސަރުކާރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކުވެސް އެ ބަލާނެއެވެ. އެކަމަކު އެކަމާ ދެކޮޅަށް އޭރު އެއްޗެއް ބުނެލީ ސޯޝަލް މީޑިއާގައި މަހު މުސާރައަށް އުޅޭ ސަރުކާރުގެ ބޮޓުންނެވެ. ސަރުކާރުގެ އިސްވެރިޔަކުގެ ބަހެއް ނެތެވެ.
އެހެންނަމަވެސް، 27 އެޕްރީލްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެވާހަކައިން ރައީސް އަރިހު ސުވާލު ދެންނެވުމުން "ތަހުގީގު ކުރަން އަންގާނަން" ކަމަށް ރައީސް ވިދާޅުވުމާއެކު ފުލުހުންގެ ސީދާ ހަރަކާތް ފެށުނެވެ. ހަމަ އެރޭ އަދަދު އޮފީސް ރެއިޑްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ވަސީލަތްތައް ގެންދިޔައެވެ. މިއީ ތަހުގީގު ކުރުމުގެ ކުރިން އެ ނޫހުން ކުރަމުންދިޔަ ނޫސްވެރިކަން ހުއްޓުވުމަށް ސަރުކަރުން ހިންގި އަމަލެއް ކަމަށް ބެލެވެއެވެ.
ސަރުކާރުގެ ބޭނުމަކީ އަދަދު ނޫސް ހުއްޓުވާލުން ކަމަށާއި މިއީ ސީދާ ނޫސްވެރިކަމަށް، މިފަހުން އެއްވެސް ސަރުކާރުން ނުދޭ ފަދަ ހަމަލާއެއް ކަމަށް ގިނަ ނޫސްވެރިންނާއި ސިޔާސީ ލީޑަރުންނާއި ޖަމިއްޔާތަކުން ގޮވާލަން ފެށުމާއެކު ސަރުކާރުގެ އިސްވެރިން ޑިފެންސަށް ފައިބައި ރައީސް މުއިއްޒުގެ ދިފާއުގައި އެމީހަށް ލިޔެވުނުހާ މޮޅެއްކޮށް ސޯޝަލް މީޑިއާގައި ލިޔެފިއެވެ. ގިނަ މީހުން އަދި ހުރީ އެއިން ވާހަކައަކާ ދެކޮޅަށް މީހަކަށް އެއްޗެކޭ ބުނަން ރިޕްލައިވެސް ނުކުރެވޭނެ ގޮތް ހަދާފައެވެ.
މަހެއްހާ ދުވަސްވީއިރުވެސް މައްސަލައަކަށް ނުވި ކަންތައް ސަރުކާރުގެ ވެރިންނަށް ބޮޑު މައްސަލައަކަށްވީ ހަމަ ކުއްލި އަކަށެވެ. އެޔާއެކު ދެން ފެނުނީ އެކަން ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައި މަންޒަރެވެ.
ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފަކާއި ރައީސް މުއިއްޒު ނަހަމަ ގުޅުން ތަކެއް ހިންގިކަމަށް އެ މުވައްޒަފު ބުނާ ވާހަކަ ރިޕޯޓްކުރި ނޫހަށް ފިޔަވަޅު އެޅި ވާހަކަ އެވެ. "އައިޝާ" ޑޮކިއުމެންޓްރީ އިތުރަށް މަޝްހޫރު ވީއެވެ. އެ ވާހަކަ ކުރިން ނާހާ އެތައް ބަޔަކު އެވާހަތަކަށް އަހައި އިތުރަށް ބަލައި ހޯދަން ފެށީއެވެ.
ބީބީސީން އެ ހަބަރު ކިޔައިފި އެވެ. އަލްޖަޒީރާ އިން ރިޕޯޓް ކޮށްފި އެވެ. ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ސަމާލުކަމަށްވެސް އެކަން އައިއްސިއެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައީސް މުއިއްޒުގެ ދިފާއުގައި މުޅި ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ އެމްޕީންނާއި އެކްޓިވިސްޓުން ފޫގަޅައި މަސައްކަތް ފެށުމާއެކު ރައީސް އިތުރަށް މިވީ ފަލީހަތް ނޫންތޯ އެވެ. އެވާހަކަ ކުރިން ނޭނގުނު އެތައް ބަޔަކަށް މިހާރު އެނގުނީ ނޫންތޯ އެވެ. ހަގީގަތަކަށްވިޔަސް، ނުވިޔަސް، ފެންނަން އޮތް އެއްޗަކަށްބަލައި ގޮތް ނިންމާނީ އެމީހަކު ބަލައިގަންނަން ބޭނުންވާ ގޮތަކަށެވެ.




