
ފިޔާޒު، މިއަދު މެންދުރުފަހު 2:30 ގައި ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުކޮށް، ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގާ ފަސް ކުށެއްގެ ތުހުމަތު ކުރިއެވެ.
އޭނާގެ ވަކީލު އަލީ ހުސައިން ވިދާޅުވި ގޮތުގައި ފިޔާޒު ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފަ އެވެ.
"ފިޔާޒު ކުރި މަސައްކަތުގެ އެންމެ މުހިންމު ކަމަކީ މަސްދަރު ހިމާޔަތް ކުރުން. އެއީ މައުލޫމާތު ދޭން ތިބޭ މީހުންގެ މަސްދަރު ހިމާޔަތް ކުރުން، އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުން. އެ މީހުން ދޭ މައުލޫމާތެއްގެ ސަބަބުން ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކުރުން،" ހަނު ހުރުމުގެ ހައްގު ފިޔާޒު ބޭނުންކުރި ސަބަބު އަލީ ހުސައިން ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާއިން ނުކުންނަވާ މީޑިއާއާ ވާހަކަ ދައްކަވަމުން ފިޔާޒު ވިދާޅުވީ، ފުލުހުން ސުވާލުކުރީ މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ކަމަށާއި، އުމުރު ދުވަހު ޖަލުގައި އޮންނަންޖެހުނަސް މައުލޫމާތު ދޭ މީހުންގެ މަސްދަރު ހާމަނުކުރައްވާނެ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން މައުލޫމާތު މިދެނީ ވަރަށް ބޮޑަށް އިތުބާރުކޮށްފަ. އަޅުގަނޑު ހަނުހުރުމުގެ ހައްގުގެ ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި،" ފިޔާޒު ވިދާޅުވި އެވެ.
ފިޔާޒުގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތުތައް:
.
މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު އަދަދުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް ފުލުހަށް ހާޒިރުކުރި އެވެ. އޭނާވެސް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައި ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައެވެ.
އަދަދު އިން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސް ދުވަސް ފަހުން، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ އެ ޑޮކިއުމެންޓްރީގައި ރައީސްއަށް ކުރި ތުހުމަތުތަކާ ގުޅިގެން، އެޕްރީލް 27 ގައި އޮތް ނޫސް ކޮންފަރެންސް ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ސުވާލުކުރި ހިސާބުންނެވެ. އެމަނިކުފާނު ދެއްވި ޖަވާބުގައި އެ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް ވިދާޅުވިއެވެ.
ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި އަދަދު ނޫހުގެ އޮފީހަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފައެވެ.
އޭގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ވަނީ ފިޔާޒު އާއި ހަސަންގެ ޕާސްޕޯޓު ވެސް ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ.




