ވަޒީރުންގެ މަޖިލިސް ހުވާކުރެއްވުމުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ހުރިހާ ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި
ހަސަން އިބްރާހީމް 29 އޭޕްރީލް 2026 (ބުދަ)   15:34
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލާއެކު، އައްޔަނުކުރެއްވި ހުރިހާ ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު އޮތް މަޖިލިސް ޖަލްސާގައި ވޯޓުގައި ބައިވެރިވި ބައެއް އެމްޑީޕީގެ މެންބަރުން ވެސް ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ވޯޓު ދެއްވާފައެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކުގައި ވަޒީރުންގެ އަދަދު 14 އަށް މަދުކުރައްވައި، އެ ވަޒީރުންނަށް ރުހުން ދިނުން އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ސިޓީ ފޮނުއްވެވީ މި މަހުގެ 20 ވަނަ ދުވަހުގައެވެ. އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ބަލައި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

އަދި ކޮމިޓީން ނިންމި ގޮތުގައި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެކި ވަޒީރުންނަށް ވަކިވަކިން ވަނީ ވޯޓަށް އަހާފައެވެ.

ވަޒީރުންނަށް ވޯޓު ލިބުނު ގޮތް: 

  1. މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް މޫސާ ޒަމީރު - ފެންނަ ކަމަށް 76 ވޯޓު، ނުފެންނަ ކަމަށް 1 ވޯޓު.
  2. މިނިސްޓާ އޮފް ހޯމް ލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން - ފެންނަކަމަށް 70 ވޯޓު، ނުފެންނަ ކަަމަށް 2 ވޯޓު،
  3. މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް - ފެންނަ ކަމަށް 75 ވޯޓު.
  4. މިނިސްޓާ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.އިސްމާއިލް ޝަފީއު - ފެންނަ ކަމަށް 72، ނުފެންނަ ކަަމަށް 2 ވޯޓު.
  5. މިނިސްޓާ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ - ފެންނަ ކަމަށް 75 ވޯޓު.
  6. މިނިސްޓާ އޮފް އިކޮނޮމިކް ޑިވިލޮޕްމެންޓް، ޓްރޭޑް އެންޑް ޓްރާންސްޕޯޓް މުހައްމަދު ސައީދު - ފެންނަ ކަމަށް 65 ވޯޓު، ނުފެންނަ ކަމަށް 12 ވޯޓު.
  7. މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފެންނަ ކަމަށް 74 ވޯޓު.
  8. މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން - ފެންނަ ކަމަށް 73، ނުފެންނަ ކަަމަށް 2 ވޯޓު.
  9. މިނިސްޓާ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިއު - ފެންނަ ކަމަށް 75 ވޯޓު.
  10. މިނިސްޓާ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު - ފެންނަ ކަމަށް 64 ވޯޓު، ނުފެންނަ ކަމަށް 12 ވޯޓު.
  11. މިނިސްޓާ އޮފް އިންފްރާސްޓްރަކްޕާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އަބްދުﷲ މުއްތަލިބް - ފެންނަ ކަަމަށް 68 ވޯޓު، ނުފެންނަ ކަމަށް 5 ވޯޓު.
  12. މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ އަލީ ޝަރީފް - ފެންނަ ކަމަށް 63 ވޯޓު، ނުފެންނަ ކަމަށް 13 ވޯޓު.
  13. މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ހަސަން ރަޝީދު - ފެންނަ ކަމަށް 76 ވޯޓު.
  14. މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް - ފެންނަ ކަމަށް 73 ވޯޓު.

މަތީގައި އެވާ ވަޒީރުންގެ އިތުރުން ކެބިނެޓްގައި ދެން ހިމެނިވަޑައިގަންނަވަނީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ. ބަންޑާރަ ނައިބުގެ މެންޑޭޓު ބަދަލުނުވާތީ އަލުން އޭނާއަށް ރުހުން ހޯދަން ނުޖެހެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައެއް މެންބަރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ދެތިން މެންބަރަކު ވޯޓު ދެއްވި ނަމަވެސް ރުހުން ދެއްވުމަށް ދެން ތިބި މެންބަރުން ދެއްވިއެވެ. އެމްޑީޕީގެ ހުރިހާ މެންބަރުން ރުހުން ނުދިނުމަށް ވޯޓް ދީފައިވަނީ ތިން ވަޒީރަކަށެވެ. އެއީ އިކޮނޮމިކް މިނިސްޓަރު ސައީދު، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު، އަލީ ޝަރީފެވެ.

ކޮމެންޓް