
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފްގެ ރައީސް ޔާމީނަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ޕާޓީން ސިޔާސީ ޕާޓީގެ ގާނޫނުތަކާ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށެވެ.
އެކަން ހުއްޓުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވުމުގެ އިތުރުން އެ ޕާޓީއާ ބައްދަލު ކުރުމަށް އީސީން އެދިފައިވާ ނަމަވެސް އެ ޕާޓީން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެ ޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.
"ތިޔަ ޕާޓީއިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100،000 (އެއްލަކަ) ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ،" އީސީގެ ސިޓީގައިވެއެވެ.
މީގެ އިތުރުން ޕީއެންއެފް އާއި އެ ޕާޓީއަށް ނިސްބަތްވާ މީހުން ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް އަމަލުނުކުރާނަމަ، އެ އަމަލެއް ހިންގާ މީހަކަށް ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ސިޓީގައި އީސީން ވަނީ ދީފައެވެ.
ސިޔާސީ ހަރަކާތްތައް ހިންގޭނީ ޕާޓީތަކުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނު އަދި ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަމަށް އީސީން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ޕީއެންއެފް ޖޫރިމަނާ ކުރިއިރު، އެ ޕާޓީގެ މުޒާހަރާތައް ލައިވްކޮށް ގެނެސްދޭ ޗެނަލް 13 އިން އެ މުޒާހަރާތައް ލައިވް ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިން މިދިޔަ މަހު ވަނީ އަންގައިފަ އެވެ.
ޕީއެންސީ އޮފީހާއި މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ރެއަކު ކަހަލަ ގޮތަށް އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާތައް ބާއްވާއިރު ޕީއެންއެފުން ބުނެފައިވަނީ އެ މުޒާހަރާތައް ހިންގަނީ އެ ޕާޓީން ނޫން ކަމަށާ، އެކަމަކީ އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު ކުރާ ކަމެއް ކަމަށެވެ.




