
ރަސްމީ ފަރާތްތަކުން އެކަން ކަށަވަރު ކޮށްދެއްވި ނަމަވެސް، ޒާހިދު އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް، އީސީ އަށް ހާއްސަ ގޮތެއްގައި ޒާހިދުއަށް އެކި ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑަށް ޕްރެޝަރު ކުރާ ކަމުގެ އަޑުތައް ވަނީ އާންމު ވެފައެވެ. އޭގެ ތެރޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުން ހިމެނެއެވެ.
އޭގެ އިތުރުން، އަންނަ ޖޫން 6 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ކަންކަމުގައިވެސް ސަރުކާރުން އީސީއަށް އެކި ކަންކަމުގައި ޕްރެޝަރު ކުރަމުން ދެއެވެ. އެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތުވެސް ވަނީ ވަގުތުހަމަވާން ދިހަވަރަކަށް މިނެޓަށް ވަނިކޮށް އިތުރު ކޮށްފައެވެ. އެއާއެކު ޕީއެންސީން ވަނީ އެ ޕާޓީގެ ކެންޑިޑޭޓް ބަދަލުކޮށްފައެވެ.
އީސީގެ މެންބަރަކަށް 2025 ޖެނުއަރީ މަހު ޒާހިދު އައްޔަން ކުރެއްވުމަށް ފަހު، އޭނާ އަށް އެ ކޮމިޝަންގެ ރައީސްކަން ދެއްވީ ޖެހިގެން އައި ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރައީސުލްޖުމްހޫރިއްޔާއަށެވެ.
ޒާހިދުގެ ލީޑަޝިޕްގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ނެގި އެންމެ މުހިންމު އެއް ވޯޓަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތް ބަލަން މިދިޔަ މަހު ބޭއްވި ވޯޓާއި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެވެ.
އޭގެ ތެރެއިން ފެންނަ ނުފެންނަ ވޯޓުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ.
ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކޮމިޝަނުން ވަކިކުރީ 19 ވަނަ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.




