މަޖިލީހުގެ ކޮމެޓީ ސިއްރުކޮށް ގަދަކަމުން ނޫސްވެރިން ނެރުމުން އިހުތިޖާޖު ކުރަނީ.--
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް
ފިޔެސް 30 އޭޕްރީލް 2026 (ބުރާސްފަތި)   14:02
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން މިއަދު އާންމުކުރި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާގޮތުން ރާއްޖެ މިހާރު އޮތީ 108 ދަރަޖައިގައެވެ. އެއީ، މިދިޔަ އަހަރު ރާއްޖެ އޮތް ރޭންކާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ.

އެ އިންޑެކްސްގައި މިހާރު ރާއްޖެ އޮތީ 104 ވަނައިގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23އަށް ދަށަށް ގޮސްފަ އެވެ. އަދި މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، އެންމެ މިންގަނޑަކުން ފިޔަވައި ހުރިހާ މިންގަނޑަކުން ރާއްޖެ ވަނީ ފަހަތަށް ގޮސްފަ އެވެ. އެއީ:

  • ސިޔާސީ މާހައުލުގެ މިންގަނޑު - 123 އިން 129އަށް؛ 6 ދަރަޖަ ފަހަތަށް
  • އިގްތިސޯދީ މާހައުލުގެ މިންގަނޑު - 118 އިން 157އަށް؛ 39 ދަރަޖައިގެ ބޮޑު ވެއްޓުމެއް
  • ގާނޫނީ އޮނިގަނޑުގެ މިންގަނޑު - 103 އިން 126އަށް؛ 23 ދަރަޖަ ދަށަށް
  • ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު - 56 އިން 77އަށް؛ 21 ދަރަޖަ ފަހަތަށް
  • އިޖުތިމާއީ މާހައުލުގެ މިންގަނޑު -133 އިން 118އަށް؛ ކިރިޔާ ވެސް ކުރިއެރުމެއް ލިބުނު މި މިންގަނޑުން 15 ދަރަޖައިގެ މަތިވުމެއް

.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ފަހަތަށް ދަމުންދާ ގޮތް:

  • މެއި 2021 - 72 ވަނަ
  • މެއި 2022 - 87 ވަނަ
  • މެއި 2023 - 100 ވަނަ
  • މެއި 2024 - 106 ވަނަ
  • މެއި 2025 - 104 ވަނަ
  • މެއި 2026 - 108 ވަނަ

.

މި ފަހުގެ ތާރީހެއްގައި ރާއްޖެ އެންމެ ދަށުގައި ހިމެނުނު އަހަރަކީ 2018ގަ އެވެ. މެއި 2018އަށް ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120ގަ އެވެ. މި އަހަރުގެ އިންޑެކްސްގައި މި ހިމެނުނީ އެއާ ޖެހިގެން މިދިޔަ 8 އަހަރުގެ ތެރޭގައި އެންމެ ދަށްކޮށެވެ.

ރިޕޯޓާސް ވިތައުޓު ބޯޑާސް އިން ބުނީ މީޑިއާގެ މިނިވަންކަމަށް ގޮންޖެހުމަކަށްވާ ގޮތަށް ހެދި އަބުރުގެ ގާނޫނު ކުރީ ސަރުކާރުން އުވާލިއަސް، މި ސަރުކާރުން ގެނައި ބަދަލުތަކުން އެކަން ބަދަލުވެފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކަށް ގެނައި ބަދަލުތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮމިޝަން އުފެއްދުމަކީ ވެސް މީޑިއާގެ މިނިވަންކަމަށް ހުރި ގޮންޖެހުން ތަކުގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް