ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މުންދު ވިދާޅުވީ ނޫސްވެރިކަމުގައި ރާއްޖެ ފަހަތަށް ދިޔައީ ސަރުކާރުގެ މައްސަލައަކުން ނޫންކަމަށް
ޖުނާން އަޙުމަދު 30 އޭޕްރީލް 2026 (ބުރާސްފަތި)   21:40
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ކޮންމެ އަހަރަކު ވެސް އާންމުކުރާ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓުނީ ހަމައެކަނި ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ދަރަޖަ ހަތަރު ދަރަޖަ ދަށަށް ދިޔައީ ސަރުކާރުން މަޖިލީހަށް ހުށަހެޅި މީޑިއާ ކޮމިޝަން ބިލުގެ ސަބަބުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ހަމައެކަނި ސަރުކާރާއި މީޑިއާތަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް އެކުލަވާލާ އެއްޗެއް ނޫން ކަމަށާއި، އޭގެ ޒިންމާ ނޫސްވެރިންވެސް ނަގަންޖެހޭނެ ކަމަށެވެ.

އިންޑެކްސް އިން ރާއްޖެ ފަހަތަށް ދިޔުމަކީ އެއްވެސް ބަޔަކު ހިތްހަމަޖެހޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، މިކަން ރަނގަޅުކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިއީ ހަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ޕީއެންސީއަށް ލިބޭ ހުތުރެއްގެ ބަދަލުގައި މުޅި ގައުމަށް ލިބޭ ހުތުރެއް ކަމުން، ހާލަތު ބަދަލުކުރުމުން އޭގެ ރީތި ނަން ލިބޭނީވެސް މުޅި ގައުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އިންޑެކްސްގައި ގައުމުތައް ރޭންކު ކުރަނީ އަޅާކިޔައިގެން ކަމަށްވާއިރު، ރާއްޖެ ފަހަތަށް ދިޔުމުގެ މާނައަކީ އެހެން ގައުމުތަކެއް ކުރިއަށް އެރުން ކަމުގައި ވެސް ވެދާނެކަން މުންދު ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސް މިއަދު ނެރެފައި ވާއިރު، ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ.

އޭގެ އިތުރުން، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިގުތިސާދީ، ގާނޫނީ އަދި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިންޑިކޭޓަރުތަކަށް އައިސްފައިވާ ބަދަލުތައް ހިމެނެއެވެ.

އެގޮތުން، އެންމެ ބޮޑު ވެއްޓުމެއް އައިސްފައި ވަނީ ނޫސްވެރިކަމަށް އޮތް އިގުތިސާދީ ގޮންޖެހުންތަކުގެ މިންގަނޑަށެވެ. ނޫސްވެރިކަމަށް އޮތް އިގުތިސާދީ ގޮންޖެހުންތަކުގެ މިންގަނޑު ވަނީ 39 ދަރަޖަ ދަށަށް ގޮސްފައެވެ.

ދެން އެންމެ ބޮޑު ވެއްޓުމެއް އައިސްފައި ވަނީ ނޫސްވެރިކަމާ ގުޅޭ ގާނޫނީ މިންގަނޑާއި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މިންގަނޑުންނެވެ. ނޫސްވެރިކަމާ ގުޅޭ ގާނޫނީ މިންގަނޑު 103 އިން 126 އަށް ދަށަށް ވެއްޓުނުއިރު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މިންގަނޑު ވަނީ 56 އިން 77 ވަނަ ދަރަޖައަށް ވެއްޓިފައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގައެވެ.

ކޮމެންޓް