
މިކަމާގުޅޭ މައުލޫމާތުތައް މީޑިއާތަކާ ހިއްސާކުރަމުން ފުލުހުން ބުނީ ޝިޔާމްއާ މި މަގާމާ ހަވާލުކުރެއްވީ، މީގެ ކުރިން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައި ކަމަށާ، އެ ބަދަލާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވެވަޑައިގަންނަވާނީ އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ކަމަށެވެ.
މީގެ ކުރިން ވެސް ފުލުހުންގެ މީޑިއާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝިޔާމް އެ އިދާރާގެ ރަސްމީ ތަރުޖަމާންގެ މަގާމަށް މިއަދު އައްޔަންކުރީ ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރު ކުރިން ވަކިކޮށްފައިވާ މައްސަލަ ކޯޓުން ކާމިޔާބުކޮށް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާއަށް ފުލުހުންގެ ވަޒީފާ އިޔާދަކޮށްފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު އޭނާ ވަޒީފާ އަށް ނުކުންނެވުމަށް ފަހު ވިދާޅުވީ، އެއީ ލިބޭ ޝަރަފެއް ކަމަށާ، އެ ވަޒީފާ އާއި ފުލުހުންގެ ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައި ކަމަށެވެ.




