
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ރޭ 22:30 ހާއިރު ހިނގި މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކުން އެނގޭ ގޮތުގައި، މިއީ އެ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.
މި ހާދިސާގައި ސައިކަލު ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާއިރު، އެ ގޭގެ ގޭޓަށާއި އިމާރާތުގެ ބައެއް ސަރަހައްދުތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލި ސައިކަލަކީ ފޯކައިދޫ ފުލުހުންގެ އިންޗާޖްގެ ސައިކަލެކެވެ.
ފުލުހުން ބުނީ މި ޖަރީމާ ހިންގި ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ބިރުދެއްކުމަށް ހިންގާ މިފަދަ ނާތަހުޒީބީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިއީ މުޅި މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ބިރުދެއްކުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް ފަސްޖެހުމެއް ނާންނާނެ ކަމުގެ ޔަގީންކަން ފުލުހުން ބުންޏެވެ.
އަދި ފުލުހުންނަށް އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާ މެދު، ގާނޫނީ ގޮތުން އެޅޭން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.




