
ފިޔެސް އަށް މައުލޫމާތު ލިބޭގޮތުގައި، އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް އެމްޕެރޯ އެކްސްޕްލޯރާ ނަމަކަށްކިޔާ ސަފާރީ ބޯޓެކެވެ.
މި ހާދިސާ ހިނގާ ބޯޓު ވަރަށް ބޮޑަށް އަނދަމުންދަނިކޮށް ފެންނަ ވީޑިއޯތައް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އެ ވީޑިއޯތަކުން ފެންނަނީ އެ ބޯޓުގައި ވަރަށް ބޮޑަށް ރޯވެ، ކަޅުކުލައިގެ ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރެވެ.
އަލިފާންއެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ސަފާރީ ބޯޓަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހުގެ ސަފާރީ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓު ބުނާ ގޮތުން ސަފާރީގެ ވެރިފަރާތަކީ "ސަން ހޮލިޑޭޒް" ނަމަކަށް ކިޔާ ކުންފުންޏެކެވެ. އަދި އެ ސަފާރީ އޮޕަރޭޓް ކުރަމުން އަންނަނީ "އިކޯ ޑައިވާޒް" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ސަފާރީގެ ވެރިފަރާތް ކަމަށްވާ ސަން ހޮލިޑޭޒް އަކީ މެންބަރު ފަލާހުގެ %90 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެސް ފަލާހެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، ދުމުގެ އަސަރުކުރުމުން ދެ މީހަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
މި ހާދިސާގައި ސަފާރީ ބޯޓު އެއްކޮށް ކަހަލަ ގޮތަކަށް އަނދާފައިވާއިރު، ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.
މީގެ އިތުރުން ކ. ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި ވެސް މިއަދު މެންދުރު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
އެމްއެންޑީއެފުން ބުނީ، ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށާ، އެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދަތުރުކުރި ކަމަށެވެ.
އެ ސަރަހައްދަށް ގޮސް ފަޔާފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ފަސް މީހުން ތިބި އިރު، އަލިފާން ރޯވުމުން އެ މީހުން ވަނީ އެހެން ދޯންޏަކަށް އަރާ ރައްކާތެރިކަން ހޯދައިފައި ކަމަށާ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެއެވެ.




