ޑިސްކަވާ ހޮސްޕިޓަލިޓީ، ޕްރޮގްރާމް ކުރިއަށްގެންދަން އެއްބަސްވުން އާކުރުން.--
ޔުނިވާސަލް ފައުންޑޭޝަންގެ 'ޑިސްކަވާ ހޮސްޕިޓަލިޓީ' ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު
މަރްޔަމް މުޙައްމަދު 13 އޭޕްރީލް 2026 (ހޯމަ)   06:24
ވަޒީފާގެ މައިދާނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށްގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދަން މި މަހު އެއްބަސްވުން އާކުރިއިރު، މިއަހަރު މި ބާއްވަނީ އެ ޕްރޮގްރާމްގެ 8 ވަނަ ބެޗެވެ.

މި އެއްބަސްވުމުގައި ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު އެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު އެވެ.

މި އެއްބަސްވުމުގެ ދަށުން، މީގެ ކުރިން ހަމައެކަނި ހޮސްޕިޓަލިޓީއަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކަލިނަރީ އާޓްސް ނުވަތަ ކެއްކުމުގެ ދާއިރާއަށް ހާއްސަ ބެޗެއް ވެސް ވަނީ ހިމަނާފައެވެ. މި ދެ ދާއިރާއަކީ ވެސް ސިނާއަތުގެ ބޭނުންތަކަށް ރިއާޔަތްކޮށް، ފްރަންޓް އޮފީސް އޮޕަރޭޝަންސް، ގެސްޓް ސަރވިސަސް އަދި ބަދިގޭގެ މަސައްކަތްތަކަށް ޒުވާނުން ތަމްރީނުކުރުމަށް ފަރުމާކުރެވިފައިވާ ދާއިރާތަކެވެ.

އެއްބަސްވުމުގެ ދަށުން އަންނަ މެއި 10، ގެ ނިޔަލަށް އެ ޕްރޮގްރާމްގައި ބައިވެރިވާން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ކުރިމަތިލާން ހުޅުވާލީ އޮޕަރޭޝަންސް ދާއިރާއިން ސެޓްފިކެޓް 3 ކޯސް އަދި ކައްކަން ދަސްކޮށްދޭ ކަލިނަރީ ދާއިރާއިން ސެޓްފިކެޓް 3 ކޯހަށް ކަމަށްވާއިރު، ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 1، ގައެވެ.

މިއީ ތިއަރީ ބައިތަކާއި އަމަލީ ތަމްރީނުތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ތިއަރީ ބައިތައް ވިލާ ކޮލެޖުގައި ކުރިއަށްދާއިރު، ތިން މަސް ދުވަހުގެ އަމަލީ ތަމްރީނުތައް ކުރިއަށްދާނީ ވާސާ ހޮސްޕިޓަލިޓީގެ ދަށުން ހިންގާ ރިސޯޓުތަކުގަ އެވެ. އެއީ ކުރިން ޔުނިވާސަލް ރިސޯޓްސްގެ ނަމުގައި ހިންގި ރިސޯޓްތަކެވެ.

މި ޕްރޮގްރާމްގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. އަދި އަމަލީ ތަމްރީނު ހޯދާ މުއްދަތުގައި ވާސާ ހޮސްޕިޓަލިޓީގެ ފަރާތުން ކޮންމެ ދަރިވަރަކަށްވެސް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

'ޑިސްކަވަރ ހޮސްޕިޓަލިޓީ' ޕްރޮގްރާމް ފެށުނީއްސުރެ އެހެން ޕްރޮގްރާމްތަކާ ތަފާތުވާ މައިގަނޑު ސަބަބަކީ އަމަލީ ތަޖުރިބާއަށް އިސްކަންދޭ އުނގަންނައިދިނުމުގެ މޮޑެލްއެވެ. ހަމައެކަނި ކްލާސްރޫމް ތައުލީމަށް ބަރޯސާވުމުގެ ބަދަލުގައި، މި ޕްރޮގްރާމްގެ ބައިވެރިންނަށް ސިނާއަތުގެ އަމަލީ މައިދާނުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި، ކްލާސްރޫމަކުން އެކަނި ހޯދަން އުނދަގޫ ހުނަރުތަކާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކުރުމަށް މަގުފަހިވެއެވެ. މިއީ ފަންނީ ތައުލީމަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ރަމްޒެކެވެ. އެއީ ސަނަދެއް އޮތުމާއި ވަޒީފާއަށް ތައްޔާރުވެފައި ހުރުމާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށްޓަކައި، ތައުލީމީ މުއައްސަސާތަކާއި ސިނާއަތުގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމެވެ.

މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. އެއީ އޮޕަރޭޝަންސް ދާއިރާއިން ހަތް ބެޗެއް އަދި ކަލިނަރީ ދާއިރާއިން ދެ ބެޗެވެ.

2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށް ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް