ވޯޓުލުން ކުރިއަށްދަނީ.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ
މަރްޔަމް މުޙައްމަދު 18 އޭޕްރީލް 2026 (ހޮނިހިރު)   10:26
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މި ބުރުގައި ޖުމްލަ ފަސް ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާއިރު، އޭގެ ތެރޭގައި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި އާއި، ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ވޯޓުލުން ހިމެނޭއިރު، ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށް ވޯޓުލުން ވެސް ކުރިއަށް އެބަދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޖުމްލަ 6,093 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މި ވޯޓުގައި، އެންމެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ހއ.ކެލާ ދާއިރާއިން ކަމަށް ވާއިރު، އެ ދާއިރާގެ 1,729 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މީގެ އިތުރުން މާވަށުން 1,556 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެގެންވާއިރު، ފުވައްމުލަކު ދަނޑިމަގު ދާއިރާއިން 1,311 މީހުން އަދި ނޭކުރެންދޫއިން 1,056 މީހުންނާއި، ދޮންފަނުން 441 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި އިންތިހާބުގައި، ހއ.ކެލާ އާއި، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ވޯޓުފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ވޯޓުފޮށި ބައްހައްޓާފައިވާ ކަމަށާ، މީގެ އިތުރުން މާލޭގައިވެސް ވޯޓު ފޮށިތައް ބަހައްޓާފައި ވާއިރު، ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

މިއަދު ވޯޓުލާ ނިމުމުން ވަގުތީ ނަތީޖާ އެ ވޯޓުލާ މަރުކަޒަކުން އިއުލާން ކުރުމަށް ހަމަޖެހިފައި ވާއިރު، މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 19 ވާ ހުކުރު ދުވަހު ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

ކޮމެންޓް