ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހުރި ގުޅުން ބައެއް ފަހަރަށް ބައެއް ބޭފުޅުންނަށް ހަނދާނުން ކައްސާލައިގެން ހިނގައިދާނެ ކަމަށެވެ.
އެހެންނަމަވެސް ތެދު ބަހުން ވާހަކަ ދެކެވި ބަހުސް ހިންގިގެން ނޫނީ ތަރައްގީއެއް ނުލިބޭނެކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ތަނަވަސްކަމެއް ގައުމަކަށް، މުޖްތަމައަކަށް އައިސްގެން މިދަނީ ތެދުބަހުން ވާހަކަ ދެކެވި، ކަންކަމާ ގުޅޭގޮތުން ދެކޮޅަށް ބަހުސްކުރެވި ހިޔާލުފާޅުކުރެވުނީމާ. އެހެން ނޫނީ މިވާގޮތަކީ ނުބައި ޕްރޮޖެކްޓް ނުބައި ތަނުގައި ނުބައި އަގަށް، ނުބައި މީހުން ލައްވާ މިހައްދަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދެ ފުށް ނުފެންނަ ގޮތަށް ސަރުކާރުގެ ހަރަދުތައް، ދައުލަތުގެ ކަންކަން ހިނގަމުންދިޔައިމާ ލިބޭ ގެއްލުން މި ލިބެނީ ރައްޔިތުންނަށް. އެ ގެއްލުމުން ރައްޔިތުން ސަލާމަތް ކުރުމަށް ދައުލަތުގެ ބާރެއްގެ ގޮތުގައި، ހަތަރު ވަނަ ބާރަކީ ނޫސްވެރިކަމަކީ،" މީގެ ކުރިން ނޫސްވެރިކަންވެސް ކުރައްވައި މިހާރުވެސް އެކި މައުލޫތަކުގައި ލިޔުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރަސީއެއްގައި ހަތަރުވަނަ ބާރުގެ ގޮތުގައި އޮންނަ ނޫސްވެރިކަމަކީ އެންމެ މުހިންމު ބާރު ކަމަށާއި އެއީ ދައުލަތުގެ އަނެއް ތިން ބާރު ބަލަހައްޓަނީ ނޫސްވެރިކަން ކަމަށްވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޑިމޮކްރަސީއެއް ހިނގަނީ މިނިވަންކަމާ އެކީގައި ނޫސްވެރިކަން ކުރެވެމުން ދާނަމަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތަކަށް ފާރަވެރިވާން ތިބީ ތި ބޭފުޅުން (ނޫސްވެރިން) އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ހިނގަނީ ތި ބޭފުޅުން ފާރަވެރިވީމައި،" ނަޝީދު ވިދާޅުވިއެވެ.
"ރައްކާތެރިކަމާއި ސަލާމަތްތެރިކަމަކީ ބަޑީގެ ވަޒަނުން ހޯދާ އެއްޗެއް ނޫން. އެއީ ތެދު ބަހުން ވާހަކަ ދައްކައިގެން، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީގެން އެކެއްގެ ހައްގަށް އަނެކަކު އަރައިނުގަނެ މި ތިބެނީ ސާފު ސާދާކޮށް މަޝްވަރާ ކުރެވުނީމައި."
ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ނުކުރެވޭ ކަމަށާއި ވާދަވެރި ޕާޓީ ވެސް ސަރުކާރު ވަރަށް ރަނގަޅޭ ބުނެފި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް އެމްޑީޕީގެ ބައެއް މެންބަރުން، އެޕްރީލް 29 ގައި ރުހުން ދިނުމަށެވެ.
"ނޫސްވެރިން އެކަން (ސަރުކާރު ޖަވާބުދާރީ) ކުރަން ތިއްބެވީ، ނޫސްވެރިން މި ކަންކަމުގެ އަސްލާއި ހަގީގަތް އަޅުގަނޑުމެންގެ ރައްޔިތުންނަށް ގެނެސްދޭން ތިބި ބަޔަކީ،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމުގެ މާހާއުލު އެއްކޮށް ފުނޑުފުނޑުކޮށްލައި ނޫސްތަކާއި ނޫސްވެރިންނާ ދެކޮޅަށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މީޑިއާ ކޮންޓްރޯލް ކުރެވޭނެފަދަ ގާނޫނެއް ފާސްކޮށް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ވަނީ އެކުލަވާލާފަ އެވެ.




