ހަންޏާމީދޫއަށް ޒިޔާރަތްކުރާ އެންމެންގެ ނަޒަރު ފަޅުގައި އުޅޭ ވެލާތަކަށް
ފިޔެސް 2 މޭ 2026 (ހޮނިހިރު)   09:35
މާލެއާ ގާތްގަނޑަކަށް 72 ކިލޯމީޓަރު ދުރުގައި އޮންނަ އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫއަކީ، މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 1 ގަޑިއިރާއި 15 މިނެޓުން ދެވޭ ރަށެކެވެ.

ދިވެހިރާއްޖޭގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި ދިވެހި ސަގާފަތާއި އާދަކާދަތައް ދަމަހައްޓަމުން އަންނަ، އެކުވެރި ރައްޔިތަކު ދިރިއުޅޭ ހިތްގައިމު ރަށެއްކަމުގައިވާ ހަންޏާމީދޫއަކީ މިހާރު ގިނަބައެއްގެ ނަޒަރު ވަރަށްބޮޑަށް ހުއްޓިފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

އާބާދީގައި ގާތްގަނޑަކަށް 500 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މިރަށުގައި، ފަހަކަށް އައިސް ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، މިހާރުވެސް 15 އަށްވުރެ ގިނަ ގެސްޓްހައުސް އެރަށުގައި ހިންގަމުން އާދެއެވެ.

ރަށުގެ ގުދުރަތީ ރީތިކަމާއި، ވަށައިގެންވާ މޫދުގެ ހިތްގައިމުކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިން މި ރަށަށް ޒިޔާރަތްކުރެއެވެ.

މިރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނަޒަރު އެންމެބޮޑަށް ހުއްޓިފައިވާ އެއް ތަނަކީ ހަންޏާމީދޫއަށް ލަފާފުރުމަށް ހަދާފައިވާ ބަނދަރުގެ ފަޅުތެރެއެވެ. ސަބަބަކީ އެ ފަޅުގައި ވަރަށް ހިތަގައިމު ރީތި އަދި އެހާމެ އެކުވެރި ވެލާތަކެއް ދިރިއުޅޭތީއެވެ.

އެގޮތުން ފަތުރުވެރިންނާއި ދަތުރުވެރިންގެ ނަޒަރު ހަންޏާމީދޫ ފަޅުގައި ދިރިއުޅޭ ވެލާތަކަށް ވަރަށް ބޮޑަށް ހުއްޓިގެންދެއެވެ. މި ވެލާތަކަށް ކާންދީ ފޮޓޯނެގުމުގައި މަސްއޫލުވެ ގިނަބަޔަކު ވަގުތުތައް ހޭދަކުރަނީ، ވަރަށް ވެސް އުފާވެރިކަމާ ހިތްހަމަޖެހުމާ އެކުގައެވެ.

ހަންޏާމީދޫ ރައްޔިތަކު ބުނެފައިވަނީ، މި ވެލާތަކަށް ކާންދިނުމާއި އެސޮރުމެނަށް ގޯނާއެއް ނުލިބޭނެހެން ބެލެހެއްޓުމަށް އެރަށުގެ ހުރިހާ ރައްޔިތުން ވެސް ވަރަށްބޮޑު އިސްކަމެއް ދެމުން އަންނަކަމަށެވެ.

މި ވެލާތަކުގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވަރަށް ގިނަބަޔަ، ކުޑަކުދިންނާ ބޮޑެތި މީހުން ވެސް ވެލާތަކަށް ކާންދިނުމުގައި ހަރަކާތްތެރިވާ މަންޒަރުފެނެއެވެ.

އަދި މި ވެލާތައް އެސޮރުމެންގެ ކާނާ ކެއުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެއްވެސް ސިހުމެއް ނެތި ވަރަށް ވެސް ހިތްގައިމު މާހައުލެއްގައެވެ. އަދި އެސޮރުމެނާއެކު މިހާރު އެކި ވައްތަރުގެ މަސްމަހާމެހި ވެސް ކެއުންބުޔުމުގައި މަސްއޫލުވެ އެ ފަޅުގައި ދިރިއުޅޭތަން ވީޑިއޯތަކުން ފެނެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ޝައުގުވެރި އެކިއެކި ތަންތަނާއި ކަންކަން ހުރިއިރު، ހާންޏާ މީދޫގެ މި ފަޅުތެރެއަކީ އދ.ހަންޏާމީދޫގެ އެންމެ ޝައުގުވެރި އެންމެ ޗާލު، އަދި ހިތްގައިމު މަންޒަރުކަމަށް ގިނަބަޔަކު މިހާރު އަންނަނީ ފާހަގަކޮށް ތައުރީފުކުރަމުންނެވެ.

ކޮމެންޓް