
މިއަދު ފާހަގަ ކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބެއްގައި ރައީސް ވަނީ، މީޑިއާއަކީ ދައުލަތުގެ ވަކިވެފައިވާ ބާރުތައް ގުޅުވައިދޭ އެންމެ މުހިންމު "ހަތަރުވަނަ ބާރު" ކަމުގައި ސިފަކުރައްވާފައެވެ. އަދި ރައްޔިތުން ބާރުވެރިކުރުވައި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގައި ޒިންމާދާރު ނޫސްވެރިކަމުގެ ދައުރު ނުހަނު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ޖާގަދީފައިވީ ނަމަވެސް، އެކަން ކުރަންވާނީ އަޚުލާޤީ މިންގަނޑުތަކާއި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓޭނެ ގޮތެއްގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ. އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސުލްހަމަސަލަސްކަން ދެމިއޮތުންވެސް ގުޅިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސްގެ ޚިޠާބުގައި ވަނީ ދެއްވާފައެވެ.
"ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތެވެ. ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވަމެވެ."
މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުންދަނީ ނޫސްވެރިކަމަކީ ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް، އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހެދުމަށް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މިގޮތުން މީޑިއާތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމާއި، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދޫކުރުމުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިނިވަން މީޑިއާއަކީ ޙައްޤަކަށްވާއިރު އެއީ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި، ސަރުކާރު ޒިންމާދާރުކުރުވުމަށް މީޑިއާތަކުން އަމާޒުކުރާ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށް އަމާޒުކޮށް ގަސްދުގައި ދެމުންދާ ޙަމަލާތަކާއި މަރުގެ ހާދިސާތައް ކުށްވެރިކުރައްވައި، ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފެތުރުމާ މެދު ސަމާލުވެ ރައްކާތެރިވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.




