ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މީޑިއާއަށް ބަސްދީގަތުމެއް ދެއްވަނީ
ނޫސްވެރިކަމުގެ މިނިވަން ކަމަށްޓަކައި ދޫ ދިނުމެއްނެތި މަސައްކަތްކުރަންޖެހޭ
ޖުނާން އަޙުމަދު 3 މޭ 2026 (އާދީއްތަ)   16:00
ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ދީގެން ނުވާނެ ކަމަށާ، ނޫސްވެރިކަމުގެ މިނިވަން ކަމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާއިރު، މި ދުވަހުގެ މަރުހަބާ އެންމެހާ ނޫސްވެރިންނަށް ވިދާޅުވަމުން ރައީސް ނަޝީދު އެކްސްގައި ޕޯސްޓުކުރައްވަމުން ވިދާޅުވީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަނީ ސޮހެމުން ކަމަށާ، މިއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ބިރު ދެއްކުން އާއްމު ކަމަކަށް މި ސަރުކާރުން މިހާރު ހަދާފައިވާ ކަމަށާ، އެހެންކަމުން ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހިމާޔަތުގައި އެއްގޮތަކަށް ވެސް ދުލެއް ދިނުމަކީ ރަނގަޅުގޮތް ނޫން ކަމަށެވެ.

ނަޝީދު މިފަދައިން ވިދާލޫވެ ޕޯސްޓުކުރައްވާފައި ވާއިރު، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލާފައި ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެ ރޭންކުގެ 108 ވަނައަށް ރާއްޖެ މިހާރު ވެއްޓިފައި ވާއިރު، މިއީ މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައަށް ބަލާއިރު ދަށްވުމެކެވެ.

ރާއްޖޭގެ ޖުމްލަ ސްކޯ އެ އިންޑެކްސްގެ ތަފާސްހިސާބުތަކުން ދައްކަނީ، 52.46 އިން 49.23 އަށް ދަށްވެފައި ވާތަނެވެ. އެހެންކަމުން މި ބަދަލާއެކު ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރާއްޖޭގެ ރޭންކިންއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް