އެމްޑީޕީ އިން ބޭއްވި ރެލީއެއްގެ ތެރެއިން.--
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ކޯޓަށް
ހަސަން އިބްރާހީމް 4 މޭ 2026 (ހޯމަ)   12:44
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ނެރެފައިވާ އިންތިހާބުގެ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކުރުމަށާއި އިންތިހާބުގެ ކަންކަން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަންޖެހޭ ގޮތަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުންތަކެއް ކަމަށް ބުނެ މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަބްދުالله ޝާއިރު އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި އެ އިއުލާނަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ކޮށްފައިވާ އިއުލާނެކެވެ. އަދި އެއީ ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ސީދާ ހިލާފު އިއުލާނެއް ކަމަށް މައްސަލާގައި ބުނެފައިވެއެވެ.

އެ މާއްދާގައި ބުނާ ގޮތުން ޗެއާޕާސަން އިންތިހާބުގެ އެންމެހާ ކަމެއް ކުރަން ޖެހެނީ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. މައްސަލާގައި އެދިފައި ވަނީ ވެސް އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އޮންނަންވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މީގެ ކުރިން 2017 އަދި 2021 ވަނަ އަހަރު ބޭއްވޮި އިންތިހާބުތަކުގައިވެސް ޗެއާޕާސަން އިންތިހާބުގެ ކަންކަން ހިންގުމުގެ ބާރު އޮތީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ މައްސަލައެއް ސިވިލް ކޯޓަށް ވައްދާފައިވައިރު އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ފަރާތުން ވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ފަހު އިއުލާންކޮށްފަ އެވެ.

އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ޝަރުތު ހަމަވާކަމަށް ކަނޑައެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި ލ.ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު (ވާޑު) އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

ކޮމެންޓް