
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިނިސްޓަރ މުއްތޮލިބްގެ އިތުރުން އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވަނީ މި މަހުގެ 5 ވަނަ ދުވަހު އެ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބުރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
ބުރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން 86 ޕަސެންޓް ސެގްމަންޓު މިހާރު ވަނީ ކާސްޓުކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން 60 ޕަސެންޓް ސެގްމަންޓު މިހާރު ވަނީ ބުރިޖުގައި ހަރުކޮށް ނިންމާފައެވެ.
ބުރިޖު މަޝްރޫއު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތޮލިބް ވިދާޅުވީ ބުރިޖުގެ ކޮލިޓީއާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށާއި، މަސައްކަތް ކުރިއަށްދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ބުރިޖުގެ ބުރަ ބޮޑު މަސައްކަތުގެ ބޮޑުބައި މިހާރުމިވަނީ ނިމިފައެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ބުރިޖުގެ ހުރިހާ މަސައްކަތެއް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިމުމާއެކު، ގްރޭޓަރ މާލެ އޭރިއާގައި ދިރިއުޅޭ ފަރާތްތަކަށް އިގުތިސޯދީ ގޮތުންނާއި، އިޖުތިމާއީ ގޮތުންވެސް ބޮޑެތި ފަސޭހަތަކެއް ލިބި މި ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ.
މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވައިލާ މި ބްރިޖުގެ ދިގުމިނުގައި 6.7 ކިލޯ މީޓަރު ހުރެއެވެ.
މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ސެޕްޓެމްބަރު 16 ގައެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިޔަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިޔަން ޑޮލަރެވެ.




