
އީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށްވެސް ޕީއެންއެފުން އަމަލު ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އީސީން ބުނީ ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ބޭއްވުމުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރިހާ ޕާޓީތަކަކުން ވެސް ބޯލަނބަން ޖެހޭނެކަން އީސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް ހުރަސްއެޅޭ ގޮތަށް އެހެން ޕާޓީއެއްގެ މެންބަރުން އަމަލުކުރުމާއި، އެއް ވަގުތެއްގައި އެއް ސަރަހައްދެއްގައި ޖަލްސާ ބާއްވަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު އަމަލުތަކެއް ކަންވެސް އީސީން ފާހަގަކޮށްފައި ވެއެވެ.
މިފަހުން، މަޖީދީމަގު ހުޅަނގު ކޮޅުގައި ހުންނަ ޕީއެންސީގެ ހަރުގެ ސަރަހައްދުގައި އެ ޕާޓީން ޖަލްސާއެއް ބޭއްވި ވަގުތު، ޕީއެންއެފްގެ އެކްޓިވިސްޓުން އެ ސަރަހައްދަށް ގޮސް ލަވަ ޖަހައި އަޑުގަދަކޮށް ހަރަކާތްތަކެއް ހިންގާފައިވެއެވެ. އަދި މިފަހުން ޕީއެންއެފްގެ ފަރާތުން ކޮންމެ ރެއަކު އިހުތިޖާޖު ކުރުމުގެ ގޮތުން އަޑުގަދަކޮށް ލަވަޖަހައި ހަރަކާތްތައް ހިންގަމުން ދަނީވެސް އެ ސަރަހައްދު ގައެވެ.
އީސީން ބުނީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ތަކުރާރު ކުރަމުންދާތީ އެކަންކަން ހުއްޓާލުމަށް އެ ޕާޓީއަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން ޕީއެންއެފުން އެކަމަށް އުޒުރުވެރިވެފައިވާ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.
އީސީގެ ބަޔާނުގައި ފާހަގަކޮށްފައިހުރި ކަންކަން ތަކުރާރު ވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.




