ޕީއެންއެފް އިން ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތެއްގެ ތެރެއިން.--
ނަފުރަތު އުފައްދާ ކަމަށްބުނެ ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ހުއްޓާލަން އީސީން އަންގައިފި
ޖުނާން އަޙުމަދު 28 އޭޕްރީލް 2026 (އަންގާރަ)   23:16
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ކުރިއަށްގެންދާ މަގުމަތީގެ ހަރަކާތްތަކުން އާންމުންގެ ތެރޭގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށް ބުނެ، އެފަދަ އަމަލުތައް ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފިއެވެ.

އީސީން ރައީސް ޔާމީނަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، ޕީއެންއެފްގެ މުޒާހަރާތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން، ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ސާބިތުނުހިފޭ ދޮގު ވާހަކަތައް ނުދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުން، މަގުތަކާއި އާންމު މައިދާންތަކުގައި އެފަދަ ހަރަކާތްތައް ނުބޭއްވުމަށް ވެސް އީސީން ވަނީ އަންގާފައެވެ. އެހެންނަމަވެސް ގާނޫނީ އިމުގެ ތެރެއިން ހިންގާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން މަރުހަބާ ކިޔާނެކަން ވަނީ ފާހަގަކޮށްފައެވެ.

ޕީއެންއެފުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ސަރުކާރާ ދެކޮޅަށް އެއްވާން ފެށީ އެޕްރީލް 4 ގައި ބޭއްވި އިންތިހާބު ތަކުން ސަރުކާރަށް ނާކާމިޔާބާ ކުރިމަތިވި ފަހުންނެވެ.

އެ އެއްވުންތަކުގައި މި ފަހުން ދަނީ "އެލް ސޯފާ" އެއް ބޭނުން ކުރަމުންނެވެ. އެއީ ރައީސް މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އަދަދު ނޫހުން މާޗް 28 ގައި އާންމުކުރި "އައިޝާ" ކިޔާ ޑޮކިއުމެންޓަރީއެއްގައި ދައްކާ ވާހަކަ އަކަށް ނިސްބަތް ކޮށެވެ.

އެންމެ ފުރަތަމަ އެ ސޯފާ މަގުމައްޗަށް ނެރުނުރޭ ފުލުހުންވަނީ އެ ސޯފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެންނަމަވެސް އޭގެ ފަހުންވެސް އެ ފަދަ އެއްވުންތަކުގައި ސޯފާ ބޭނުންކުރެއެވެ. 

މި އެއްވުންތަކުގައި މަގުމައްޗަށް ސޯފާ ނެރެގެން މަންޒަރުތައް ލައިވްކުރަނިކޮށް، މީޑިއާ ކޮމިޝަނުން އިއްޔެ ވަނީ އެ މަންޒަރުތައް ލައިވްކުރުން ހުއްޓާލުމަށް 'ޗެނަލް 13′ އަށް އަންގާފައެވެ. މީޑިއާ ކޮމިޝަނުން ބުނެފައިވަނީ އެ ޗެނަލުން ބްރޯޑްކާސްޓްކުރަމުން ދަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ސުލޫކީ މިންގަނޑާ ހިލާފު މަންޒަރުތަކެއް ކަމަށެވެ.

ކޮމެންޓް