
ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ކުރިއަށްދާނީ، މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ އެކި ސިނާއަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފޯރަމެއް ކަމަށާ، އެހެންކަމުން ހުރިހާ ބޭފުޅުންނަށް ވެސް މި ފޯރަމަށް ދައުވަތު އަރުވާކަމަށެވެ.
މި ފޯރަމްގައި ބައިވެރިވާ ވުޒާރާތަކުގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ވެސް ހިމެނޭއިރު، މި ބައްދަލުވުމުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، އަދި ސިނާއީ ދާއިރާތަކުގެ އިސް ފަރާތްތައް ވެސް ބައިވެރިވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ދެކުނުގެ އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ފޯރަމަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިގުތިސޯދު ކުރިއެރުމަށް އަމާޒުކޮށްގެން ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފެށުމެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.




