
މާލޭގައި މުޒާހަރާތައް ކުރަމުންދަނީ އެމްޑީޕީ އާއި ޕީއެންއެފުންނެވެ. ވަކި ޕާޓީއެއްގެ ނަން ނުގެނެސް އެ ހަރާތްތައް ހުއްޓުވުމަށް އެދި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
ގަރާރު ހުށަހަޅުއްވަމުން ސައްތާރު ވިދާޅުވީ ހިޔާލުފާޅުކުރުމާއި ޕާޓީތައް އުފައްދައި ހިންގުމުގެ ހައްގު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާއިރު، އަނެކުންގެ ހައްގުތަކަށާއި މިނިވަންކަމަށް އިހުތިރާމް ކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުސޫލުތަކާ ހިލާފަށް ހިންގަމުންދާ ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހަމައްލުކުރަން ޖެހިފައި ވާތީ، އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ހިލާފު ކަންކަން ހުއްޓުވައި އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 189 ވަނަ މާއްދާގެ ދަށުން މި ގަރާރު އަޅުގަނޑު ހުށަހެޅިން،" ގަރާރުގައި ސައްތާރު ވިދާޅުވެފައި ވެއެވެ.
އެ ގަރާރަށް ކުރި ބަހުސްގައި ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް ޕީއެންސީ މެންބަރުން މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މީގެ އެންމެ ދެތިން އަހަރު ކުރިން، މާލޭގެ އެންމެ ބޮޑު، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި އަޅުގަޑުމެންނާ އަވަށްޓެރި އަޅުގަނޑުމެންނަށް އެންމެ އެހީތެރިވެދޭ މަދަދުވެރިވާ އެންމެ ބޮޑު އަވަށްޓެރި ގައުމުގެ ބޮޑުވަޒީރުގެ މާލި ހަދައިގެން ، ކާޓޫނު ހަދައިގެން ޕެރޭޑްކުރި ބައެއް (ޕީއެންސީ މެންބަރުންނަކީ)،" މީކާއީލް ވިދާޅުވިއެވެ.
ގަރާރުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ ޕާޓީތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާ ކަމަށާއި އެކަން ހުއްޓުވަން ފިޔަވަޅު އެޅުމުގެ އިތުރުން، އެކަން ތަކުރާރުކުރާ ޕާޓީތައް އުވާވެސް ލާން ޖެހޭ ކަމަށެވެ.
"ޕާޓީތަކުގެ ގާނޫނާ ހިލާފަށް އަމަލުކުރާ ކަމަށް ވަންޏާ އެ މީހުންނާ ދެކޮޅަށް އަޅުގަނޑުމެން ފިޔަވަޅު އަޅަން ޖެހޭ، މިކަންތައްތަކާ ހިލާފުވާ ނަމަ ހަގީގަތުގައި ކޯޓު އަމުރެއް ނެރެގެން އެބަޖެހޭ މި ޕާޓީތައް އުވާލަން،" މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވި އެވެ.
ޕީއެންސީ މެންބަރުން މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ޕީއެންސީ އިދިކޮޅުގައި އޮތް އިރު ކުރި މުޒާހަރާތައް ވެސް ހުރީ މިހާރު ކުރާ މުޒާހަރާތަކާ އެއްގޮތަށް ކަމަށާއި ގާނޫނުތައް އޭރު ވެސް ހުރީ މިހެން ކަމަށެވެ.
މުޒާހަރާތައް ކުރާ ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޕީއެންސީ މަޖިލީހަށް މިއަދު ގަރާރެއް ހުށަހެޅިއިރު، ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ގާނޫނާ ހިލާފު ކަމަށް ބުނެ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.




