ކަރަންޓުބިލު ބޮޑުވުމާއި، ޓްރާންސްފޯމަރުތައް އިންސްޓޯލް ނުކުރާތީ ވެލިދޫ ރައްޔިތުން މުޒާހަރާގައި
ކަރަންޓުބިލު ބޮޑުވުމާއި، ޓްރާންސްފޯމަރުތައް އިންސްޓޯލް ނުކުރާތީ ވެލިދޫގައި މުޒާހަރާފަށައިފި
"މިދުވަސްވަރު ހޫނުގަދަވީމަ ބިލު އަރާފާނެތީ އޭސީ ނުޖައްސާ ފަންކާޖައްސައިގެން އުޅުނީމަ ބިލު މިވީ އިތުރަށް ބޮޑު" – މުޒާހަރާގެ ބައިވެރިން
މުޙައްމަދު ޤާސިމް 29 އޭޕްރީލް 2026 (ބުދަ)   18:08
މިފަހަރުގެ ކަރަންޓު ބިލު ބޮޑުވުމުންނާއި، ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލާ ދިޔުމުން ބޮޑެތި ގެއްލުންތައް ވަމުން އަންނަކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތަކާ އެކު ނ.ވެލިދޫގައި ސިލްސިލާކޮށް މުޒާހަރާކުރަން މިއަދު ފަށައިފިއެވެ.

މި އަހަރުން ފާއިތުވެ ދިޔަ މަސްތަކުގައި އަރާފައިވާ ވަރަށްވުރެ މާ ބޮޑު އަދަދެއް މިމަހު އައިސްފައިވާ ކަރަންޓުބިލަށް އަރާފައި ވުމުން، އެއީ އާންމުރައްޔިތުންނަށް އުފުލޭވަރުގެ ތަކުލީފެއް ނޫންކަމަށް ބުނެ، ވެލިދޫ ފެނަކަ އޮފީސް ދޮށަށް އެއްވެ އާންމުން މުޒާހަރާކުރަން ފަށާފައިވަނީ މިއަދު ހެނދުނުއެވެ.

މި މުޒާހަރާގެ ބައިވެރިން ތެރެއިން ފިޔެސްއާ ވާހަކަދެއްކި ވެލިދޫ ރައްޔިތަކު ބުނީ، މިފަހަރުގެ ބިލަށް އަރާފައި ވަނީ ދުވަހަކު ނާރާވަރުގެ އަދަދެއް ކަމަށާ، ފާއިތު މިވަނީ ހޫނު ގަދަ ދުވަސްތަކެއްކަން އެނގޭތީ، ކަރަންޓު ބިލުބޮޑުވެދާނެއް ކަމަށް ބަލާފައި، މި ދުވަސްތަކުގައި އެއާކޯން ބޭނުންކުރުން ހުއްޓާލާ ފަންކާ ބޭނުންކުރަމުން އަންނަނިކޮށް މިވަރުގެ ބޮޑެތި އަދަދު ކަރަންޓުބިލަށް އެރުމުން ހައިރާންވާ ކަމަށެވެ.

"މިދުވަސްވަރު ހޫނުގަދަވީމަ ބިލު އަރާފާނެތީ އޭސީ ނުޖައްސާ ފަންކާޖައްސައިގެން އުޅުނީމަ ބިލު މިވީ އިތުރަށް ބޮޑު، ކީއްކުރާނީ" - މުޒާހަރާގެ ބައިވެރިން

your imageކަރަންޓުބިލު ބޮޑުވުމާއި، ޓްރާންސްފޯމަރުތައް އިންސްޓޯލް ނުކުރާތީ ވެލިދޫ ރައްޔިތުން މުޒާހަރާގައިއަދި މީގެ އިތުރުން ވެސް މުޒާހަރާގެ ބައިވެރިން އެއްވެ ތިބީ އެމީހުންނަށް އައިސްފައިވާ ކަރަންޓުބިލުތައް ބޮޑުކޮށް ޕްރިންޓުކޮށްގެން އެ ބިލުތައް ހިފައިގެންނެވެ. ބައިވެރިންގެ ތެރެއިން ފެންނަންހުރި ކަރަންޓުބިލުތަކަށް ބަލާއިރު އެ ބިލުތައް އުޅެނީ 2000 ރުފިޔާއިން މަތީގައެވެ.

މުޒާހަރާ ބައިވެރިންގެ ތެރެއިން ގިނަބަޔަކު ބުނަމުންދިޔައީ، މިއީ ރައްޔިތުންނަށް ރޯދަމަހު ދިން މަސްދަޅުކޭހާއި، ކުޑަކޮށްދިން ބިލުގެ ބަދަލުގައި އެބައި އަނބުރާ ހޯދުމަށް މި ސަރުކާރުން ގަސްތުގައި ހިންގަމުން އަންނަ ކަމެއް ކަމަށާ، މިއީ ނާގާބިލު ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިންގެތެރެއިން ގޮވާފައި ވެއެވެ.your imageކަރަންޓުބިލު ބޮޑުވުމާއި، ޓްރާންސްފޯމަރުތައް އިންސްޓޯލް ނުކުރާތީ ވެލިދޫ ރައްޔިތުން މުޒާހަރާގައިސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ނ. އަތޮޅުގެ އެންމެބޮޑު އާބާދީއެއް ދިރިއުޅޭ އެއަތޮޅު ވެލިދޫގައި ދިމާވަމުން އަންނަ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި އެމްޑީޕީ ސަރުކާރުން ވަނީ ހައި ވޯލްޓޭޖް ޓްރާންސްފޯމަރުތަކެއް އެރަށަށް ގެނެސްފައެވެ.

ނަމަވެސް އެ ޓްރާންސްފޯމަރުތައް ގެނައިފަހުން މިހާރު 1000 އަށް ވުރެ ގިނަދުވަސް ފާއިތުވެފައިވާއިރު، އަދިވެސް އެރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށްޓަކައި އެ ޓްރާންސްފޯމަރުތައް ވަނީ އިންސްޓޯލް ނުކުރެވިއެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިންގެ އެންމެބޮޑު އެއް ކަންބޮޑުވުންކަމުގައި މިކަން ވެސް ހިމެނެއެވެ.

އެ މަސައްކަތް ނިންމާނެކަމަށް ތާރީހަކަށްފަހު ތާރީހެއް ވެލިދޫ ފެނަކަ އޮފީހުން ދެމުން އައި ނަމަވެސް އެކަން ނުވެ ދިގުލާ ދިޔުމުގެ ސަބަބުން އެރަށުގައި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކުންނާއި ބޮޑެތި ވިޔަފާރިތަކުން އަދި ރަށުގެ އާންމުރައްޔިތުން އެމީހުންނަށް ވަމުން އަންނަ ގެއްލުންތައް ދުވަހެއް ދުވަހަކަށް އިތުރުވެ ކެތްތެރިކަން ކޮޅުންލައިގެން މިއަދުގެ މުޒާހަރާގައި ވެސް މިކަމާމެދު ވަނީ އަޑު އުފުލާފައެވެ.

މިކަމާގުޅިގެން ހުސްވިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ވެސް ވެލިދޫ ފެނަކަ އޮފީސް ދޮށުގައި މުޒަހަރާކޮށްފައި ވެއެވެ. އެ މުޒާހަރާގައި ވެސް އެ މަސައްކަތް ނިންމާނެ ތާރީހެއް ފެނަކައިން ދިނުމުން މުޒާހަރާ ހުއްޓާލިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމެއް ނުހިނގައެވެ.your imageކަރަންޓުބިލު ބޮޑުވުމާއި، ޓްރާންސްފޯމަރުތައް އިންސްޓޯލް ނުކުރާތީ ވެލިދޫ ރައްޔިތުން މުޒާހަރާގައިމި މުޒާހަރާތަކުގައި ބައިވެރިވާ ވެލިދޫ ރައްޔިތަކު ފިޔެސްއާ ވާހަކަދައްކަމުން ބުނީ، ވެލިދޫ އަކީ ތަރައްގީގެ އޮޅިތައް ދުވަހެއް ދުވަހަކަށް ގިރާކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންއަންނަ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވާއިރު، އެ ރަށަކީ ޒަމާނީ ވަސީލަތްތައް އާންމު ގޭބިސީތަކުގައި ވެސް ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަ ރަށެއް ކަމަށެވެ.

އަދި ވެލިދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައި ވާއިރު، ރައްޔިތުންނަށް ލިބެމުންއަންނަ ކަރަންޓު ވަރަށްބޮޑަށް ދައްވުމުގެ ސަބަބުން ގޭތެރޭގައި، އާންމު ދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ ކަރަންޓު އާލާތްތައް ވެސް މިހާރު ހަލާކުވަމުން އަންނަ ކަމަށް ވެސް މުޒާހަރާގެ އިތުރު ބައިވެރިއަކު ފިޔެސް އާ ވާހަކަދައްކަމުން ބުންޏެވެ.your imageކަރަންޓުބިލު ބޮޑުވުމާއި، ޓްރާންސްފޯމަރުތައް އިންސްޓޯލް ނުކުރާތީ ވެލިދޫ ރައްޔިތުން މުޒާހަރާގައިއަދި މީގެ އިތުރުން، އެ ރަށުގައި ގިނަ ސިނާއީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރުގައި އެތަންތަނުގައި ބޭނުންކުރާ ކަރަންޓު އާލާތްތަކަކީ ހައި ވޯލްޓޭޖްގެ ކަރަންޓު ބޭނުންވާ އާލާތްތަކަކަށް ވާއިރު، އެ ތަކެއްޗަށް ބޭނުންވާ ކަރަންޓު ވެސް އެދެވޭ ގޮތެއްގައި ނުލިބުމުގެ ސަބަބުން އަގުބޮޑެތި މެޝިންތައް ވެސް ހަލާކުވެ ނުހަނު ގެއްލުންތައް ވަމުން އަންނަކަމަށް ފިޔެސްއާ ވާހަކަދެއްކި ވެލިދޫގައި ސިނާއީ ގިނަ މަސައްކަތްތަކެއް ހިންގަމުން އަންނަ ފަރާތަކުން ބުންޏެވެ.

ކޮމެންޓް