
މިކަން ފެންމަތިކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ، އެޗްއާރްސީއެމުން ކޮންމެ އަހަރަކު ވެސް ޖަލުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ބަލާ އެކުލަވާލާ އަހަރީ ރިޕޯޓުތަކުގެތެރެއިން އެ ކޮމިޝަނުން އާންމުކުރި މިދިޔަ އަހަރުގެ ރިޕޯޓުގައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަކީ ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތް ކަމަށް ވާއިރު، އެޗްއާރްސީއެމުން އާންމުކޮށްފައިވާ މި ރިޕޯޓްގައި، ބަންދު މަރުކަޒުތަކުގައި އަޅަމުންދާ ތައުދީބީ ބައެއް ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، ދޫނިދޫ ކަސްޓަޑީގައި ބަންދުކޮށްފައިވާ ބަންދު މީހުން ޖަލު އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ބިޑި އަޅުވައި، އެހެން ބަންދު މީހުންނާ ވަކިން ގޮޅިން ބޭރުގައި ހުރި ސަރަހައްދެއްގައި ބަހައްޓާ ކަމުގެ ޝަކުވާ އެންޕީއެމް (ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް) އަށް ބަންދު މީހުން މައުލޫމާތު ދީފައިވާކަމަށެވެ.
އަދި، ޖަލުގެ އާންމު މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ބައެއް ހާލަތްތަކުގައި ނުކިޔަމަންތެރިވާ ބަންދު މީހުން ވަކި ވަގުތަކަށް އެކަހެރިކުރާ ކަމަށާ އެފަދަ ވަގުތުތަކުގައި އަތާއިފައިގައި ބިޑި އަޅުވާކަމަށް ޖަލުގެ މުވައްޒަފުން ވެސް އެންޕީއެމްއަށް މައުލޫމާތު ދީފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ، އެކަހެރިކޮށްފައި އެހެން ބާއްވާއިރު، ނަމާދު ކުރުމަށާއި ފާހަނާ ކުރަން ފުރުސަތު ދޭ ކަމަށް އޮފިސަރުން ބުނިނަމަވެސް އެކަން ލޮގް ކޮށްފައި ނުވާ ކަމަށާ، އަދި މީގެ އިތުރުން ވެސް އެތަނުގެ ލިޔެކިޔުންތައް ބެލިބެލުމުން، މި ކަސްޓަޑީގައި ބަންދުކޮށްފައިވާ ބަންދު މީހުންގެ އިނާޔަތް 14 ދުވަހުގެ މުއްދަތަކަށް ކަނޑާފައިވާކަން ފެންނަން އެބައޮތް ކަމަށެވެ.
މި ރިޕޯޓުގައި ވަނީ ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގެ 34 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކިޔަމަންތެރި ކުރުވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވަގުތީ ގޮތުން ގޮޅިން ނެރުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާއާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ، އޭނާގެ އަމަލުތަކުގެ މައްޗަށް ބަލައި އޭނާގެ އަމަލުތައް ހުއްޓުވޭނެފަދަ ގޮތަކަށް ބިޑިއެޅުވުމުގެ އިހްތިޔާރު ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވާ ކަމަށެއެވެ.
އެހެންކަމުން، އެ މާއްދާގެ ދަށުން ބަންދުމީހެއްގެ ގައިގައި އަތު ބިޑި، ފައި ބިޑި، އަނގަ ބިޑި، ނުވަ ޖެކެޓް ބިޑް ނުވަތަ މި ނޫން ވެސް އެފަދަ ގޮތަކަށް މީހެއްގެ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރުމަށް އެކަށީގެންވާ ބިޑިއެއް އެޅުވުމުގެ އިހްތިޔާރު އޮފިސަރުންނަށް ލިބިދެނީ ބަންދުމީހާ ނުކިޔަމަންތެރިކަން ދައްކައި، އޭނާ އާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް ނުރައްކަލެއް ނުވަތަ އަނިޔާއެއް ދިމާވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ ޖަލުގެ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ނުކިޔަމަންތެރިވާ ގައިދީންނަށް އަޅާ ފިޔަވަޅަކަށް ވުމުގެ ބަދަލުގައި މި ކަންކަން ވާންވާނީ އޮފިސަރުންނާއި ބަންދު މީހުންގެ ރައްކާތެރިކަމަށްޓަކައި ވަގުތީ ގޮތުން އަޅާ ފިޔަވަޅަކަށް ކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ، ބިޑިއަޅުވާފައި ބަންދު މީހުން ބައިތިއްބާ ސަރަހައްދަކީ ކަސްޓޯޑިއަލްގެ ހިނގާ، ކަސްރަތުކުރާ ކޮއްޓެއް ކަމަށާއި، މިތަނަކީ ބަންދު މީހުން އެކަހެރިކޮށްފައި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ކަމަށެވެ.
ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާފައި ބައެއް ފަހަރު އެތަނުގައި ކުނަލެއް މަތީ ގިނައިރުތަކެއް ވަންދެން ބާއްވާކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ، އެ ތަނަކީ މެންދުރު ވަރަށް ހޫނުގަދަ ސަރަހައްދަކަށް ވާނެކަމަށާ، މިއީ ވަރަށް ލާއިންސާނީ އަނިޔާތަކެއް ކަމަށެވެ.
މީގެ އިތުރުން އެޗްއާރްސީއެމް ފާހަގަކޮށްފައިވާ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި، ކަސްޓޯޑިއަލް ޖަލުތަކުގައި ރިމާންޑް ބަންދު މީހުންގެ އަދަދު އިތުރުވުމާއި، އެމީހުންނަށް ސިއްހީ ފަރުވާ ލިބުން ލަސްވުން އަދި، މުހިންމު އުސޫލުތަކާއި އެސްއޯޕީތައް ހަދާފައި ނެތުމާއި، ދައުލަތުގެ އިދާރާތަކަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އެކަށީގެންވާ މަރުކަޒުތައް ގާއިމްކޮށްފައި ނެތުމުގެ އިތުރުން ވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަތިކަން ވެސް އެ ރިޕޯޓުގައި ވެއެވެ.




