
1992 ވަނަ އަހަރުގެ ނޮވެމްބަރު 10ވަނަދުވަހު ވައިޝާލީ ޑިސްޓްރިކްޓްގެ ޖުރާވާންޕޫރު އަވަށުގައި ދިރިއުޅޭ އާއިލާއަކަށް ކުއްލި ހަމަލާތަކެއްދީ ހިންގާފައިވާ މި މަރުގެ ހާދިސާއާގުޅިގެން މި 84 އަހަރުގެ ފިރިހެންމީހާ ހިމެނޭހެން އެ އާއިލާގެ ފަސް މީހަކަށް ހުކުމް އިއްވާފައިވަނީ މިދިޔަ އަންގާރަދުވަހު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 148 ވަނަ މާއްދާއާއި 307 ވަނަ މާއްދާގެ އިތުރުން ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ކަމަށް މީޑިއާ ރިޕޯޓުތައްްބުނެއެވެ.
ފުލުހުން މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 1993 ވަނަ އަހަރުގެ މާރިޗު މަހު ކަމަށް ވީނަމަވެސް ޝަރީއަތް 34 އަހަރަށް ދިގުލައިގެން ދިޔުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި ހުކުމް އިއްވުމުގެ ކުރިން ދައުވާ ލިބޭ މީހުންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޑީޕް ރާއީ ނަމަކަށްކިޔާ 84 އަހަރުގެ މި މީހާގެ އިތުރުން އަނެއް 4 ކުށްވެރިންނަށް ކޮންމެ މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، އެއިން ކޮންމެ މީހަކު ވެސް 25،000 އިންޑިއާ ރުޕީޒް އިން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.
ޑީޕް ރާއީ ޖަލަށް ގެންދިޔަކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އޭނާ އުމުރުން ދުވަސްވުމުގެ ސަބަބުން ވަގުތީ ކަފާލާތެއް ދީފައި ލުއި ދިންކަމަށް ވެސް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.




