ގައިދީން ބައިތިއްބާ ޔުނިޓެއް - ފޮޓޯ: ކަރެކްޝަންސް
ޖަލުގެ އެނދުގެ އަދަދަށް މި ސަރުކާރުން 500 އިތުރުކުރަނީ
މި ސަރުކާރު ވެރިކަމަށް އައިފަހުން، ޖަލުގެ ބެޑް ކެޕޭސިޓީއަށް 370 ވަރަކަށް ޖާގަ މިހާރު ވެސް ވަނީ އިތުރުކޮށްފައި
ޖުނާން އަޙުމަދު 3 ޖޫން 2026 (ބުދަ)   09:05
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ ކުރިން ޖަލުގައި ހުރި އެނދުތަކުގެ އަދަދަށް މި ސަރުކާރުން އިތުރުކުރާ އެނދުގެ އަދަދަކީ 500ކަމަށް ހެދުމަށް ސަރުކާރުން މިހާރު އަމާޒުހިފާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިކަން ހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އެވެ.

ޒަރީރު ވިދާޅުވީ، ޖަލަށް ވަންނަ ކުށްވެރިންގެ އަދަދު މަދުނުވާއިރު، އެ މީހުން ބައިތިއްބާނެ މިންވަރަށް އެކަށީގެންވާ ޖާގަތައް ނޯންނަ ކަމަށާ، އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދުމަށް ކަރެކްޝަންސް އިން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން، މިހާތަނަށް ޖަލުގެ ބެޑް ކެޕޭސިޓީއަށް 370އެއްހާ ޖާގަ އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެ ޒަރީރު ވިދާޅުވީ، އަދި ވެސް ޖާގަ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެްް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްތައް އެބަކުރަން. 500 ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ޓާގެޓަށް ވާސިލުވުމަށް. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެކީގަ އަދި އަޅުގަނޑުމެންގެ މިނިސްޓަރުގެވެސް ވަރަށް ބޮޑު އިނިޝިއޭޓިވްއާ އެކީގައި،" - ހަސަން ޒަރީރު

އަންނަ ނޮވެންބަރު 17ގައި މި ސަރުކާރަށް ތިން އަހަރު ވުމުގެ ކުރިން، ޖަލުގެ ބެޑް ކެޕޭސިޓީ 500އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވިއިރު، ޖަލުތައް ރާއްޖޭގެ އެކި ތަންތަނުގައި ހުރުމުން އެތަންތަން ބެލެހެއްޓުމަށް ދަތިވުމާއި ހަރަދު ބޮޑުވުމުގެ މައްސަލައަށް ހައްލުހޯދުމުގެ ގޮތުން، ސެކިއުރިޓީ ލެވެލްތައް ވަކިކޮށްފައިވާ މަރުކަޒީ އެއް ޖަލު ހެދުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭކަމަށް 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ގައިދީން ވަކިކޮށްގެން ޖަލުތަކުގައި ގެންގުޅުމުގެ ޖާގަ ނެތް ކަމަށް ވިދާޅުވެ ޒަރީރު ވިދާޅުވީ، އެކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން ވެސް މިހާރު ބައިތިއްބަން ޖެހެނީ އެއް ތަނެއްގައިކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާފުށީ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި މިހާރު ތިބި ގައިދީންގެ އަދަދު 1200އަށް ވުރެ އިތުރުވާނެއެވެ.

ކޮމެންޓް