
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިދިޔަ މަހުގެ ނިޔަލަށް އެ ހިދުމަތުން ޖުމްލަ 923.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާ، ބަންކަރިންއަށް ބޭނުންކުރާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ތެލަކީ ރާއްޖެއަށް އަލަށް ގެންނަ ތެޔޮ ކަމަށެވެ.
އަދި އެ މަސައްކަތް މީގެކުރިން ވެސް ކުރީ، ސްރީލަންކާއާއި އަވައްޓެރި އެހެނިހެން ގައުމުތަކާ ގުޅިގެންކަމަށް ވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.
2024 ވަނަ އަހަރުގެ ޖުލައިމަހު ފެށި ބަންކަރިންގެ ހިދުމަތުން، 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ރާއްޖޭގެ ޖީޑީޕީ އަށް މުޅިން އަލަށް 400 މިލިޔަން އެމެރިކާ ޑޮލަރު ވަންނާނެ ކަމަށް 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ނަމަވެސް ރަސްމީކޮށް ސަރުކާރުން ބަންކަރިންގެ ހިދުމަތް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށްވާއިރު، ހިދުމަތް ފެށިފަހުން ވެސް މިހާރު ދެއަހަރާ ގާތްކުރާއިރު، ކުރިން މިނިސްޓަރު ސައީދު ވިދާޅުވި ވަރުގެ އާމްދަނީއެއް ނުލިބޭތީ އެކަމާ ނޫސްވެރިން މިއަދު ސުލާކުރިއެވެ.
އެހެން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެ އަދަދުގެ އާމްދަނީއެއް ނުލިބުނު ސަބަބެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އެނގިވަޑައި ނުގެންނެވި ކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ހާމަވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، އަދި ވެސް އުންމީދު ކުރައްވަނީ އަހަރަކު 400 މިލިޔަން ޑޮަލަރުގެ އާމްދަނީއެއް ވައްދަން ކަމަށާ، އިތުރަށް އޮޅުންފިލުވަން އެދޭނަމަ، އިދިކޮޅު އެމްޑީޕީއާ ސުވާލު ކުރުމަށް އެދޭ ކަމަށެވެ.
ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން އެސްޓީއޯއިން ފޯރުކޮށްދޭން ފެށި ބަންކަރިންގެ ހިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބު ޖެއްސެވި ނަމަވެސް، އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައި ވަނީ، ބަންކަރިންއަކީ ފަސް މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއިން 400 މިލިޔަން ޑޮލަރު ވެސް ނުލިބޭނެ ކަމަށެވެ.




