
ބައިނަލްއަގުވާމީ މާލީ ރިޕޯޓިންގ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށް، އޮޑިޓަރ ޖެނެރަލްގެ "ކްލީން" އޮޕީނިއަނެއް ލިބިފައިވާ ރިޕޯޓެއް ކަމަށްވާ އެމްއެމްއޭގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓު އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކޮށްފައިވާއިރު، އޭގައި ބައެއް ކާމިޔާބީ ހުރި ނަމަވެސް، ރިޕޯޓުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމަކީ އެމްއެމްއޭގެ ސާފު ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
2024 ވަނަ އަހަރު 362.26 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު ނަމަވެސް، 2025 ވަނަ އަހަރު މި އަދަދު ވަނީ 219.23 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. މިއީ ފައިދާގެ ގޮތުން ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާގެ ލައިބިލިޓީސް ނުވަތަ ޒިންމާތަކަށް ކުރަންޖެހުނު ހަރަދުތައް އިންތިހާއަށް ބޮޑުވުން ކަމަށާ، ބޭރު ފައިސާގެ ޒިންމާތަކުގެ އިންޓަރެސްޓް ހަރަދު 83.71 މިލިއަން ރުފިޔާއިން 418.29 މިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އޭގެތެރޭގައި އެންމެ ބޮޑު ހިއްސާއެއް ވަނީ ކަރަންސީ ސްވޮޕް ޗާޖުތައް ކަމަށްވާއިރު، 2024 ވަނަ އަހަރު ސްވޮޕް ޗާޖުގެ ގޮތުގައި ހޭދަވީ އެންމެ 6.06 މިލިއަން ރުފިޔާ ކަމަށްވިޔަސް، 2025 ވަނަ އަހަރު މި އަދަދު ވަނީ 399.79 މިލިއަން ރުފިޔާއަށް އަރާފައިކަމަށް މި ރިޕޯޓުގައި ބުނެއެވެ.
ހަރަދުތަކުގެ އިތުރުން، ކްރެޑިޓް ރިސްކާއި ހިންގުމުގެ ހަރަދުތަކަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާއިރު، މާލީ ވަސީލަތްތަކުން ލިބުނު އުނިކަން ނުވަތަ "ނެޓް އިމްޕެއަރމަންޓް ލޮސް" 3.5 ލައްކަ ރުފިޔާއިން 2.12 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ހަމައެހެންމެ، އިދާރީ ހަރަދުތައް ވެސް 137.27 މިލިއަނުން 163.14 މިލިއަން ރުފިޔާއަށް އުފުލިފައި ވާއިރު، މިއީ މުވައްޒަފުންގެ މުސާރައާއި އޮފީސް ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެމްއެމްއޭގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވެއެވެ.




