
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއަކުން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެ މައްސަލަ މަޖިލީހުގެ ސަމަލުކަމަށް ގެންނަވައި ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، މާލޭގެ ގިނަ ބިންތަކަކާއި އާންމު ވަސީލަތްތަކުން ބޮޑު މާލީ ނަފާއެއް ހޯދަމުންދާ އިދާރާއެއް ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި އޮޑިޓްކޮށްފައި ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާތައް އޮޑިޓްކުރުމުގެ ޒިންމާ އޮންނަ އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް މިކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަން ކުޑޫ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ އަޑީގައިވާ ސަބަބުތައް ދެނެގަތުމަށްޓަކައި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވީއެންމެ އަވަހަކަށް ބާއްވައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، ސިޓީ ކައުންސިލްގެ އިސްވެރިންނާއި އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށާއި، އެކަން ނުކޮށް ގިނަ ދުވަސް ވެގެންދިޔަ ސަބަބު ދެނެގަތުމާއެކު، އަވަހަށް އޮޑިޓްކުރުމަށްފަހު ރިޕޯޓްތައް އާންމުކުރުމަށް ބާރުއެޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވަނީ އެ ކައުންސިލްގެ އޮޑިޓް މަސައްކަތް ލަސްވެ، ޖަވާބު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވަޑައިގެންފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހަށް ވަޑައިގެން ހުންނަވާ އެދުވަހު މޭޔަރ އާދަމް އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ ދިހަވަރަކަށް އަހަރު ވެފައި ވާކަމަށެވެ. އާޒިމް މޭޔަރ ކަމާ ހަވާލުވިތާ ކުރީކޮޅު (މީގެ ދެ އަހަރެއްހާ ދުވަސް ކުރިން)، އޮޑިޓަރ ޖެނެރަލް އޮފީހުން ސިޓީ ކައުންސިލް އޮޑިޓް ކުރަން ފެށިކަމަށާއި އެކަމަށް ކައުންސިލުން ވަރަށްބޮޑަށް އެއްބާރުލުން ދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އޮޑިޓްގެ ކަންކަން ލަސްވެ، އެކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ފޮނުވާ ސިޓީތަކަށްވެސް އޮޑިޓަރ ޖެނެރަލް އޮފީހުން ޖަވާބުވެސް ނުދޭކަން އެދުވަހު އާޒިމް ފާހަގަ ކުރެއްވި އެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އެ ކައުންސިލްގެ އިންޓާނަލް އޮޑިޓް އަންނަނީ ކޮންމެ އަހަރަކުމެ ކޮށް ރިޕޯޓްތައް އާންމު ކުރަމުންނެވެ.




