މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޕީއެންސީ މެޖޯރިޓީއޮތް މާލޭ ސިޓީ ކައުންސިލުގެ ޖަލްސާއެއް ނުބޭއްވި 7 ހަފުތާ
ޖުނާން އަޙުމަދު 6 މޭ 2026 (ބުދަ)   16:00
މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު ނިމުމަކަށް އައިސްފައި ވާއިރު، ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ކައުންސިލުގެ އާންމު ޖަލްސާ އެއް ކުރިއަށް ނުގެންދެވޭތާ 7 ހަފުތާ ވެއްޖެކަމަށް މާލޭ ސިޓީކައުންސިލުން މައުލޫމާތު ދީފިއެވެ.

އަށާރަ ކައުންސިލަރަކާއި މޭޔަރެއްގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގެ ކޯރަމަކީ 10 ކައުންސިލަރުންކަމަށް ވާއިރު، ވޭތުވެދިޔަ ހަފުތާތަކުގައި ކައުންސިލުގެ އެންމެ ޖަލްސާއެއް ވެސް ކުރިއަށް ގެންދެވިފައި ނެތްކަން ފާހަގަކޮށްލެވެއެވެ. އަދި މިއަދުގެ ޖަލްސާއަށް ވެސް ހާޒިރުވެވަޑައިގެންނެވީ އެންމެ 8 ކައުންސިލަރުން ކަމަށް ވެސް ސިޓީކައުންސިލުން މައުލޫމާތު ދެއެވެ.

މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވެސް ވަނީ، ބައެއް ކައުންސިލަރުން ބަރާބަރަށް ހާޒިރުވެވަޑައިނުގަންނެވުމުގެ ސަބަބުން އެތައް ޖަލްސާއެއް ކެންސަލްކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ މީޑިއާތަކާ އެކަން ހިއްސާކުރައްވާފައެވެ.

އޭރު، ކޯރަމް ހަމަނުވުމުގެ ސަބަބުން މުހިންމު ގިނަ މައްސަލަތަކެއް ނުބެލި ލަސްވެފައިވާއިރު، އޭގެތެރޭގައި، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ގޮތާ ގުޅޭ މައްސަލަ ފެށުމާ އެކު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައިކަން ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރުން ވެސް، ޖަލްސާގައި ކުރާނެ ކަމެއް ނެތި، ކޯރަމް ހަމަނުވުމުގެ ސަބަބުން ފެބްރުވަރީ މަހު އޮތް އެ ކައުންސިލުގެ ޖަލްސާއެއް ވެސް ކެންސަލްކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް