އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް މައިމޫން މުޒާހަރާއެއްގައި.-- ފޮޓޯ: ސޯޝަލްމީޑިއާ
ފުލުހެއް ގައިގައި ޖެހިކަމަށްބުނެ މައިމޫން ފުލުހަށް ހާޒިރު ކުރަނީ
މަރްޔަމް މުޙައްމަދު 7 މޭ 2026 (ބުރާސްފަތި)   06:32
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ފުލުހެއްގެ ގައިގައި ޖަހައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.

ފުލުހުން ފޮނުވި ޗިޓުގައި ވަނީ، ބުރާސްފަތި ދުވަހު ހެނދުނު 9:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށެވެ. މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މައިމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އަޑުގަދަކޮށް، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވުން ހިމެނެއެވެ.

މީގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބު އަދާކުރަމުންދިޔަ ފުލުހެއްގެ ޖިސްމަށް ހަމަލާދީފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އޭނާގެ މައްޗަށް ވަނީ ކުރެވިފައި ކަމަށް ފުލުހަށް ހާޒިރުވުމަށް އެންގި ޗިޓުގައި ވެއެވެ.

އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކޮށް، މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

ކޮމެންޓް