މޭޔަރ އާޒިމް އަށް ހަމަލާދިނުމާއެކު، ރައްދު ހަމަލާދީ އެމީހާ ހުއްޓުވަނީ.--
އާޒިމްއަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި
މަރްޔަމް މުޙައްމަދު 26 އޭޕްރީލް 2026 (އާދީއްތަ)   14:39
މާލެ ސިޓީގެ މޭޔަރ، އާދަމް އާޒިމްއަށް މިމަހުގެ 24 ވީ ހުކުރު ދުވަހުގެރޭ މީހަކު ހަމަލާދިން މައްސަލަ، ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާޒިމްއަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯތަކުން އެނގޭ ގޮތުގައި މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް މަގެއްގެ އަރިމަތީގައި ހުރި މީހަކު ވަނީ ކުއްލި އަކަށް އާޒިމްގެ ކުރިމައްޗަށް އަރައި މޭގައި އަޅައި ކޮއްޕާލާފަ އެވެ. އެ ވަގުތު އާޒިމް ކައިރީގައި ތިބި މީހުން ވަނީ އޭނާގެ ހިމާޔަތުގައި ހަމަލާ ދިން މީހާއަށް ރައްދު ހަމަލާ ދީފަ އެވެ.

އެ ސަރަހައްދުގައި އެ ވަގުތު ވެސް ފުލުހުން ހަރަކާތްތެރިވަމުންދިޔަ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް، އެ މައްސަލައިގައި އެރޭ ވެސް އަދި އޭގެ ފަހުންވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މޭޔަރ އާޒިމް އަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުންދޭތޯ ފުލުހުންގެ މީޑިއާ ގްރޫޕްގައި ސުވާލުކުރުމުން، ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އޭޕްރިލް 24، 2026 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުންގެ މެސެޖްގައި ވެއެވެ.

މި މެސެޖާ ގުޅިގެން އިތުރު ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ "މި އިންސިޑެންޓްގެ މައުލޫމާތު ލިބުމާއެކު، ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފަ" ކަމަށާ، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރާކަމަށް މިއަދު ބުނެފައި އެވަނީ އެ މައްސަލަ ތަހުގީގު ނުކުރާތީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކޮމެންޓް