ލުބުނާނުގެ ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ހަމަލާދެނީ - ފޮޓޯ: އޭޕީ
ހިޒްބުﷲގެ ކޮމާންޑަރަކު އަވަހާރަކޮށްލައިފި
މިއީ މިދިޔަމަހު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ފަހު، ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ހަމަލާދިން ފުރަތަމަ ފަހަރު
މަރްޔަމް މުޙައްމަދު 7 މޭ 2026 (ބުރާސްފަތި)   09:26
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިސްރާއީލުގެ ސިފައިންގެ ފައުޖަކުން ބާރުގަދަ ވައިގެ ހަމަލާތަކެއްދީ، ހިޒްބުﷲގެ ރަޟްވާން ފޯސްގެ ކޮމާންޑަރަކު އަވަހާރަކޮށްލައިފިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން މިއަދު ރިޕޯޓުކުރަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަވަހާރަކޮށްލާފައި ވަނީ، ރަޟްވާން ފޯސްގެ ކޮމާންޑަރެއް ކަމަށްވާ، މާލިކް ބަލޫ އެވެ.

މި ފައުޖުގެ ބޯޓުތަކުން ހަމަލާދީފައިވަނީ ބެއިރޫތުގެ ދެކުނު ސަރަހައްދެއް ކަމަށްވާ ޣުބައިރީ އަށް ކަމަށާ، މި ހަމަލާއާއެކު އެ ސަރަހައްދުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިފައިވާއިރު، ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މި ހަމަލާ ދިންކަން ކަށަވަރުކޮށްދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، މި ހަމަލާއަކީ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އާ ގުޅިގެން އޭނާގެ އަމުރަށް ދިން ހަމަލާއެއް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވާއިރު، މިއީ އޭޕްރިލް 17 ވަނަ ދުވަހު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން، ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިސްރާއީލުން ހަމަލާދިން ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

އެ ދެގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު ގިނަ ބަޔަކު އަނބުރާ އައިސް ދިރިއުޅެން ފަށާފައިވާ ސަރަހައްދެއް ކަމަށްވާ ބެއިރޫތުގެ ދެކުނު ސަރަހައްދަށް މި ދިން ހަމަލާގެ ކުރިންވެސް އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް ހަމަލާދެމުން ކަމަށް މީޑިއާތަކުން ބުނެއެވެ.

ކޮމެންޓް