ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް.-- ފޮޓޯ: އެމްޑީޕީ
މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވަމުންދާ ކަމުގެ ސާފު ހެއްކެއް: ރައީސް ސޯލިހު
ހަސަން އިބްރާހީމް 12 މޭ 2026 (އަންގާރަ)   21:06
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ޖަލަށްލާން ހުކުމް ކުރުމަކީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަމުންދާކަމުގެ ސާފު ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުކުރިކަމުގެ ތުހުމަތު ކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އާއި ޝަހުޒާން ޖަލަށްލުމަކީ، ނޫސްވެރިންނަށް ބިރުދައްކައި، ރައްޔިތުންގެ ފާޑުކިޔުންތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް ކަމަށެވެ.


"މިއީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން ނުފޫޒުފޯރުވަމުންދާ ކަމުގެ ސާފު ހެއްކެއްވެސް މެއެވެ." - ރައީސް ސޯލިހު


ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެމުންދާ މިފަދަ ހަމަލާތައް ކާމިޔާބެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ، ބުރަ މަސައްކަތުން ހޯދާފައިވާ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމުގައި އެމްޑީޕީން ދުވަހަކުވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް