ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް، ރައީސް މުއިއްޒު ހުޅުއްވައި ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކިހާދޫގައި ހިންގި ޓިވެކް ސެންޓަރު ސިފައިންގެ ސްކޫލަކަށް ބަދަލުކޮށް ހުޅުވައިފި
ފިޔެސް 10 މޭ 2026 (އާދީއްތަ)   07:37
ކޯސްޓްލައިން ފައުންޑޭޝަނުން ބ.ކިހާދޫގައި އިމާރާތްކޮށް ހިންގަމުން އައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)، އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ނަމުގައި ހުޅުވައިފިއެވެ.

މި ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓިވެކް ސެންޓަރުގެ ގޮތުގައި ރާއްޖޭގެ ވިޔަފާރި ކުންފުނި، ކޯސްޓްލައިނުން ކިހާދޫގައި އެޅި މި ސެންޓަރު ހުޅުވީ 2018 އޮގަސްޓް 9 ގައެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން، ދެ ލައްކަ އަށް ވުރެ ބޮޑު އަކަފޫޓުގެ ބިމުގައި 200 ކުދިންގެ ޖާގައިގެ ކެމްޕަހެއްގެ އިތުރުން އެތަނުގައި ކިޔަވާ ދަރިވަރުންނަށް ދަނާލެއްވެސް ހަދާފައި ވެއެވެ. އެ ސެންޓަރުގައި އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، ވެލްޑިންގ، ރެފްރިޖެރޭޝަން އަދި އިލެކްޓްރީޝަން ކޯސްތައް ހިންގިއެވެ. ނަމަވެސް އެތަން ކޯސްޓްލައިން އިން ފަހުން ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ.

ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކިހާދޫގައި ގާއިމުކޮށްފައިވާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި އިލްމީ ގާބިލުކަން ކުރިއެރުވުމަށް އެޅުނު މުހިންމު ތާރީހީ ބިންގަލެކެވެ. އަދި މިއީ ފަންނީ ހުނަރާއި ގާބިލުކަން ލިބިފައިވާ ސިފައިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގައި ގާއިމުކުރެވުނު މިފަދަ ފުރަތަމަ ތަމްރީނު ސްކޫލު ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ސްކޫލުގެ އެންމެ މުހިންމު އެއް މަގްސަދަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު ފެއްޓެވި ގައުމީ މަޝްރޫޢު ކަމުގައިވާ "ދިވެހި ވަޠަނީ ޚިދުމަތް"ގެ ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމެވެ. އަދި މިހާރުވެސް ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 65 ދަރިވަރުން މި ސްކޫލުގައި ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިން ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

your imageކޯސްޓްލައިން ފައުންޑޭޝަނުން ބ.ކިހާދޫގައި އިމާރާތްކޮށް ހިންގަމުން އައި ޓިވެކް ސެންޓަރު.--

މި ސްކޫލުގައި އުނގަންނައިދޭ ދާއިރާތަކުގެ ތެރޭގައި އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އަދި އޮފީސް މެނޭޖްމަންޓް ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3 ގެ ފެންވަރަށް ކުރިއަށްގެންދާ މި ހަތަރު މަސްދުވަހުގެ ތަމްރީނުތަކަކީ ދަރިވަރުން ވަޒީފާގެ ބާޒާރަށް ތައްޔާރުކޮށްދޭނެ ތަމްރީނުތަކެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. 

ފަންނީ ހުނަރުގެ އިތުރުން، މި މަރުކަޒުގައި ދަރިވަރުންގެ އަހުލާގާއި، ވަގުތަށް ބޯލެނބުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި އެމްއެންޑީއެފްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތްތަކަކީ ޒިންމާދާރު، އަދި ގައުމީ ޚިދުމަތަށް ލޯބިކުރާ ހަރުދަނާ ޝަޚްސިއްޔަތެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓް