
އެމެރިކާގެ ކްލަބެއް ކަމަށްވާ އިންޓާ މިއާމީއަށް މިހާރު ކުޅެމުން އަންނަ މެސީ، މުގުރާލި ރެކޯޑަކީ އެމްއެލްއެސްގައި އެންމެ އަވަހަށް 100 ގޯލާއި އެސިސްޓު ކާމިޔާބު ކުރި ކުޅުންތެރިޔާ ކަމުގެ ރެކޯޑެވެ.
މި ރެކޯޑު މެސީ މުގުރާލައިފައި ވަނީ ޓޮރޮންޓޯ އެފްސީ އަތުން ރޭ 4-2 އިން މޮޅުވި މެޗުގައިކަމަށް ވާއިރު، މެސީ އެ މެޗުގައި ވަނީ ދެ އެސިސްޓު ފޯރުކޮށްދީ އެއް ލަނޑު ވެސް ޖަހާފައިކަން ފާހަގަކޮށްލެވެއެވެ.
މެސީ މި ރެކޯޑު މުގުރާލީ 64 ލީގު މެޗުގައި 59 ލަނޑު ޖަހާ 41 އެސިސްޓު ފޯރުކޮށްދީގެން ކަމަށްވާއިރު މިއީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ހުނަރުވެރިކަމެއް ކަން ކުޅިވަރުގެ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން ބުނެއެވެ.
ފުޓުބޯޅައިގެ މައިދާނުގައި ފަނޑުނުވެ، މެސީ އަންނަނީ ގިނަ ރެކޯޑުތަކެއް މުގުރަމުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ ޖެހިޖެހިގެން ދެ ވަރލްޑް ކަޕް ކާމިޔާބު ކުރުންކަމަށް މެސީ ވަނީ މީޑިއާގައި ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މެސީއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ސައުދީ ލީގުގައި 100 ލަނޑު ހަމަކޮށް ތާރީހުން ޖާގަހޯދާފައެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރުން އަލް ޝަބާބުގެ މައްޗަށް 4-2 އިން ކުރިހޯދި މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގައި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ލީގުގައި އޭނާގެ 100 ވަނަ ލަނޑު ކާމިޔާބުކޮށް ތާރީހުގެ ތެރެއިން ޖާގަ ހޯދާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.




