ރޭގެ މެޗްގެ ނަތީޖާއަށްފަހު، އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.--
22 އަހަރުގެ އިންތިޒާރަށްފަހު، އާސެނަލް އިން ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދައިފި
ފިޔެސް 20 މޭ 2026 (ބުދަ)   06:28
ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރު ފަހުން އާސެނަލް ހޯދައިފި އެވެ.

އާސެނަލް އަށް ޗެމްޕިއަންކަން ލިބިފައިވަނީ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުންނެވެ. ބޯންމައުތުގެ ޖޫނިއާ ކްރޫޕީ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިންއިރު، ސިޓީ އަށް ލަނޑެއް ޖަހައި އެއްވަރުކުރެވޭ ގޮތްވީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ.

ސިޓީ އަށް ބޯންމަތު އަތުން މޮޅެއް ނުލިބުމުން އާސެނަލަށް ލީގު ޔަގީންވީ އެވެ. އާސެނަލަށް 37. މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ.

ބާކީ އެއް މެޗު އޮއްވައި، އާސެނަލުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިއީ، 2004 ވަނަ އަހަރުގެ ފަހުން އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. އަދި، މިދިޔަ ހަ ވަރަކަށް އަހަރު ތެރޭ އާސެނަލަށް ލިބުނު ފުރަތަމަ ތަށްޓެވެ. އަނެއްކޮޅުން، މިއީ، 2019 ވަނަ އަހަރު އާސެނަލާ ހަވާލުވި ކޯޗު، މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ބޮޑު ދެ ވަނަ ކާމިޔާބެވެ. އާޓެޓާގެ ކޯޗުކަމުގައި މީގެ ކުރިން އާސެނަލުން އެފްއޭ ކަޕް ހޯދާފައިވެ އެވެ.

ފާއިތުވި ތިން ސީޒަނުގައި ވެސް އާސެނަލުން ލީގު ނިންމާލާފައިވަނީ ދެ ވަނައިގަ އެވެ. އެކަމަކު، މި ފަހަރުގެ ސީޒަނުގައި އެ ޓީމުން މި ވަނީ އެއް ވަނަ މަގާމު ދަމަހައްޓަން ލިބުނު ހުރިހާ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއީ އާސެނަލްގެ ހަތަރުވަނަ ޕްރިމިއާ ލީގު ކާމިޔާބީ އެވެ. މީގެ ކުރިން އާސެނަލް ތަށި އުފުލާލާފައި ވަނީ ލީގު މެޗަކުން ބަލި ނުވެ ނިންމާލި 2003/2004ގެ މަޝްހޫރު "އިންވިންސިބަލް" ސީޒަންގަ އެވެ.

އާސެނަލް އެންމެ ފުރަތަމަ ޕްރިމިއާ ލީގު ކާމިޔާބު ކުރީ 1998ގަ އެވެ. އެއަށް ފަހު 2002 ގައި ވެސް ލީގު ކާމިޔާބު ކޮށްފައިވެ އެވެ. އަދި އާސެނަލް ވަނީ ޕްރިމިއާ ލީގު ފެށުމުގެ ކުރިން އިނގިރޭސިވިލާތުގެ އެއްވަނަ ޑިވިޝަންގެ ލީގު 10 ފަހަރު ކާމިޔާބު ކޮށްފަ އެވެ.

އާސެނަލް އާ 2019 ވަނަ އަހަރު ހަވާލުވި ކޯޗު މިކެލް އާޓެޓާ، 44، އާއެކު އެ ޓީމުން އެންމެ ފަހުން ކުޅުނު ތިން ސީޒަންގައި ވެސް ނިންމާލީ ލީގުގެ ދެވަނައިގަ އެވެ. މި އަހަރު ޗެމްޕިއަންކަން ޔަގީން ކުރިއިރު މިއީ އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ބޮޑު ދެ ވަނަ ކާމިޔާބެވެ. އާޓެޓާގެ ކޯޗުކަމުގައި މީގެ ކުރިން އާސެނަލުން އެފްއޭ ކަޕް ހޯދާފައިވެ އެވެ.

އާސެނަލަށް މި ސިޒަނުގައި އަދިވެސް ތާރީހީ ކާމިޔާބެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން މި މަހު 30 ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.  ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އާސެނަލުން 20 އަހަރު ފަހުން ކުޅޭއިރު،. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ކުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ފައިނަލެވެ. ޗެމްޕިއަންސް ލީގަކީ އާސެނަލަށް ނުލިބި އޮތް ކާމިޔާބެކެވެ.

ކޮމެންޓް