ބާސާގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލަނީ - ފޮޓޯ: ފުޓްބޯލް ޓުޑޭ
ބާސާއަށް ޗެމްޕިއަންކަން ލިބުމުގެ އުފަލުގައި ޔަމާލް ފަލަސްތީނު ދިދަ ވިހުރުވާލައިފި
މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އެމީހުންނާ އެކު ސާބިތުވެ ހުރިކަން ހާމަކުރުމުގެ ގޮތުން ޔަމާލް ކޮށްފައިވާކަމެއް
ޖުނާން އަޙުމަދު 13 މޭ 2026 (ބުދަ)   09:31
ވިދިވިދިގެން ދެވަނަ ފަހަރަށް ވެސް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދުމުން އެކަމުގެ އުފަލުގައި، އެ ސިޓީގެ މަގުތަކުގައި ބޭއްވި "އޯޕަން-ޓޮޕް ބަސް" ޕެރޭޑްގެ ތެރޭގައި، ބާސާގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލައިފި އެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓެމުން އަންނަ މި ހަރަކާތް ހިނގާފައިވަނީ، އެ ޕެރޭޑް ކުރިއަށް ދިޔަ ވަގުތު މަގުމަތީގައި ތިބި ސަޕޯޓަރުންގެ ތެރެއިން މީހަކު ޔަމާލް އަށް ފަލަސްތީނުގެ ދިދަ ދިއްކޮށްލުމުން، ޔަމާލް ވަރަށް ފަހުރުވެރިކަމާއެކު އެ ދިދަ ހިފައިގެން ބަސްމަތީގައި އުފާފާޅުކޮށް ވިހުރުވާލުމުންނެވެ.

އޭނާއަކީ މުސްލިމެއްކަމަށް ފަހުރުވެރިކަމާއެކު މީޑިއާތަކުގައި ބުނަމުންއަން، ޒުވާން ޔަމާލް ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް ފަލަސްތީނުގެ ދިދައާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ.

އަދި މީގެ އިތުރުން އޭނާ ފަލަސްތީނު ދިދަ ހިފައިގެން ހުރެ ދިދަ ވިހުރުވާ މަންޒަރުފެންނަ ވީޑިއޯތައް ވެސް މީސް މީޑިއާގައި މިހާރުވަނީ ވަރަށް ބޮޑަށް ދައުރުވާން ފަށާފައެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އެމީހުންނާ އެކު ސާބިތުވެ ހުރިކަން ހާމަކުރުމުގެ ގޮތުން އޭނާ ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށް އެ ވީޑިއޯތައް މީސްމީޑިއާގެ އެކި މަންސަތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ.

އެ ވީޑިއޯތަކުން ފެންނަގޮތުގައި، ބާސެލޯނާގެ މަގުތަކަށް އެތަކަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ، އެ ޓީމުގެ ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށް، ކުލަގަދަ މި ހަރަކާތް ކުރިއަށް ދިޔައިރު، އެޓީމުގެ ކުޅުންތެރިން ތިބީ، ހުޅުވާލެވިފައިވާ ބަސްތަކެއްގެ ތެރޭގައެވެ.

އެހެންކަމުން އެއިން ބަހެއްގެ ތެރޭގައި ހުރެ، ޔަމާލް ފަލަސްތީނުގެ ދިދަ ހިފައިގެން ހުރި މަންޒަރު ފެނުމުން، އެއްވެފައި ތިބި ގިނަ ބަޔަކު އޭނާއަށް ހިތްވަރުދިނުމުގެ ބަސްތަކުން އަޑުގަދަކޮށް ތައުރީފުކުރަމުންދާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން، ފަލަސްތީނުގެ ހައްގުގައި އެންމެގިނައިން ބަސްބުނެ، އެ ގައުމުގެ ދިފާއުގައި އެންމެ ގިނަ ހަރަކާތްތައް ހިންގާފައިވާ ސްޕެއިންގައި، ފަލަސްތީނުގެ ދިފާއުގައި ހިންގާ އެންމެގިނަ ހަރަކާތްތައް ހިންގަމުން އަންނަ، އަދި އެހީގެ ގާފިލާތައް ފޮނުވުމުގައި ސްޕެއިންގައި އެންމެ އިސް ދައުރެއް އަދާކުރާ ސިޓީއަކީ ސްޕެއިންގެ ބާސެލޯނާ ސިޓީ ކަން ފާހަގަކޮށްލެވެއެވެ.

ލަ ލީގާ ތަށި، 29 ވަނަ ފަހަރަށް ބާސާއިން އުފުލައިލާފައި މިވަނީ، އެ ޓީމާ އެމްބޮޑަށް ޗެލެންޖުކުރާ ވާދަވެރި ޓީމެއްކަމުގައިވާ ރެއާލް މެޑްރިޑް 2-0 އިން ބަލިކުރުމަށްފަހު އެވެ.

މޮރޮކޯގެ ބައްޕައަކާއި އިކުއެޓޯރިއަލް ގިނީގެ މަންމައަކަށް ލިބިފައިވާ، ބާސެލޯނާއަށް އުފަން ޔަމާލް އަށް ބާސެލޯނާ އިން އެ ކުލަބުގެ ފަހުރުވެރި 10 ނަންބަރު ޖާޒީ ދިނުމަށް ނިންމާ އެކަން އިއުލާންކުރީ، މިދިޔަ 2025ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ނިންމުމާއެކު ޔަމާލްއަކީ ލިޔޮނަލް މެސީ އާއި، ރޮނާލްޑީނިއޯ ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ބޭނުންކޮށްފައިވާ ޖާޒީ ލިބޭ އެންމެ ހަގު ކުޅުންތެރިޔާކަމުގައި ހިމެނި، އޭނާވަނީ ފުޓުބޯޅައިގެ ތާރީހުން ވެސް ޖާގަހޯދާފައެވެ.

ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާ ބުނީ ޔަމާލްއަކީ އެ ޓީމަށް މިހާރު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ޒުވާން އެއް ކުޅުންތެރިޔާ ކަމަށްވެފައި އޭނާގެ ހުނަރާއި ހިތްވަރަށް ބަލާއިރު 10 ނަންބަރު ޖާޒީ އޭނާއަށް ހައްގު ކަމަށެވެ.

މި މަހު 18 އަހަރު ފުރުނު ޔަމާލްއަކީ 2024 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ ކަޕް ކާމިޔާބުކުރި ކުޅުންތެރިއެކެވެ. ބާސެލޯނާގެ ސީނިއަ ޓީމުގައި ކުޅެމުންދާ ޔަމާލް ވަނީ ގިނަ ލަނޑުތަކެއް ޖަހައި، އެސިސްޓްތަކެއްވެސް ދީފަ އެވެ.

ޔަމާލްއަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ކަން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ފާހަގަކުރާއިރު، ހުނަރުވެރި ޔަމާލް ފަދައިން 10 ނަމްބަރު ޖާޒީގައި މީގެކުރިން ކުޅެފައިވާ ބައެއް މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޑިއެގޯ މަރަޑޯނާ، ޕެޕް ގާޑިއޯލާ، ރޮމާރިއޯ، ރިވާލްޑޯ އަދި ޔޫސޭބިއޯ ހިމެނެ އެވެ. އެންމެ ފަހުން މި ޖާޒީ ލައިގެން ކުޅުނީ އަންސޫ ފަޓީ އެވެ. ނަމަވެސް ފަޓީ ވިއްކާލަން ނިންމުމާ ގުޅިގެން، އެ ކުލަބުން ޔަމާލްއަށް މި ޖާޒީ ދިނުމަށް ނިންމީއެވެ.

ކޮމެންޓް