ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އަލް-ނަސްރުން އުފާފާޅުކުރަނީ.--
ރޮނާލްޑޯގެ ދެ ލަނޑާއެކު އަލް ނަސްރުން ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްފި
ފިޔެސް 22 މޭ 2026 (ހުކުރު)   09:19
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަލް ނަސްރުން ލީގު ޗެމްޕިއަންކަން ހޯދީ ބުރާސްފަތި ދުވަހުގެރޭ، ކިންގް ސައުދު ޔުނިވަރސިޓީ ސްޓޭޑިއަމްގައި ކުޅުނު ލީގުގެ ފަހު މެޗުން ދަމަކް އަތުން 4-1 އިން މޮޅުވެގެންނެވެ. މިއީ، އަލް ނަސްރުގެ ތާރީހުގައި އެ ޓީމުން ސައުދީ ލީގު ޗެމްޕިއަންކަން ހޯދި 11 ވަނަ ފަހަރެވެ. އަދި، 2019 ވަނަ އަހަރުގެ ފަހުން މި ލީގު ހޯދި ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީ އެންމެ ހާއްސަވާ ކުޅުންތެރިއަކީ 41 އަހަރުގެ ރޮނާލްޑޯ އެވެ. މިއީ، 2023 ވަނަ އަހަރުގެ ޖެނުއަރީގައި، އަލް ނަސްރާ ގުޅުނު ރޮނާލްޑޯ އަށް އެ ކްލަބާ އެކު ހޯދުނު ރަސްމީ ފުރަތަމަ ތަށްޓެވެ. އަލް ނަސްރުން ތަށި ކާމިޔާބުކުރީ ސީޒަނުގެ ފަހު މެޗުތައް ނިމުނުއިރު، ވާދަވެރި އަލް ހިލާލަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ރޭގެ މެޗުގައި އަލް ނަސްރުން ލީޑުނެގީ 34 ވަނަ މިނިޓްގައި ޖޮއާއޯ ފެލިކްސްގެ ކޯނަރަކުން ސަޑިއޯ މާނޭ ބޮލުން ޖެހި ގޯލުންނެވެ. އަދި، އެ ލަނޑުން ކުރީގައި އޮވެ، ފުރަތަމަ ހާފު ނިންމާލުމަށް ފަހު، ދެ ވަނަ ހާފު ފެށިގެން ހަތް މިނިޓް ތެރޭ ކިންގްސްލީ ކޯމަން ވަނީ އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަލް ނަސްރުން ލީޑުފުޅާކުރިތާހަ މިނިޓް ފަހުން، ދަމަކުން ވަނީ ޕެނަލްޓީ އެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ، މޯލާއޭ ސިލާ އެވެ.

ދަމަކް އިން މެޗުގެ ތެރެއަށް އެނބުރި އައި ފަހުން، އަލް ނަސްރަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ދެ ލަނޑު ވެސް ޖެހީ ރޮނާލްޑޯ އެވެ. އެ ގޮތުން، ރޮނާލްޑޯގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް، ދަމަކްގެ ޑިފެންސުން ދޫވި ބޯޅައެއް ހޯދައި، ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން، ރޮނާލްޑޯ ވަނީ އަލް ނަސްރުން މެޗުގައި ޖެހި ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

އަލް ނަސްރުން މި ސީޒަނުގައި ޖެހިޖެހިގެން 20 މެޗުން މޮޅުވުމުގެ ރެކޯޑެއް ގާއިމްކުރި ފަހުން، އެ ޓީމުގެ ފޯމަށް ކޮންމެ ވެސް ވަރަކަށް އަސަރުކުރި އެވެ. އަދި، އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލުގައި ޖަޕާނުގެ ގަމްބާ އޮސާކާ އަތުން ބަލިވިއެވެ.

މީގެ އިތުރުން ރޭގެ މެޗަށް ނުކުތްއިރު، އަލް ނަސްރަށް މޮޅުނުވެވި އަލް ހިލާލް މޮޅުވެއްޖެނަމަ، އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތު ވެސް އޮތެވެ. އެކަމަކު، އަލް ހިލާލުން އަލް ފައިހާ އަތުން 1-0 އިން މޮޅުވި ނަމަވެސް އަލް ނަސްރުގެ މޮޅާ އެކު، އެ ޓީމަށް ލީގު ލިބުނީ އެވެ.

މެންޗެސްޓަރ ޔުނައިޓެޑަށްފަހު ސައުދީ ލީގާ ގުޅުނު ރޮނާލްޑޯ ވަނީ އެ ކްލަބުގައި ހޭދަކުރި ތިން ސީޒަނުގެ ތެރޭގައި 100 އަށްވުރެ ގިނަ ލަނޑު ޖަހާފައެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ ދަނޑުން ފޭބީ ސަޕޯޓަރުންގެ ހޫނު މަރުހަބާއަކާއެކުގައެވެ. ރޮނާލްޑޯ މިހާރު ވަނީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން، އިޓަލީ އަދި ސައުދީ އަރަބިއްޔާގެ ލީގު ތަށި ކާމިޔާބުކޮށްފައެވެ. އަދި އޭނާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ޓީމާއެކު ފެންނާނެއެވެ. މިއީ އޭނާގެ 6 ވަނަ ވޯލްޑް ކަޕެވެ.

މީގެ ކުރިން ރޮނާލްޑޯ އަލް ނަސްރާއެކު ހޯދި ހަމައެކަނި ތަށްޓަކީ 2023 ވަނަ އަހަރުގެ އަރަބް ކްލަބް ޗެމްޕިއަންސް ކަޕެވެ. ނަމަވެސް އެއީ ފީފާ ގަބޫލުކުރާ ރަސްމީ މުބާރާތެއް ނޫނެވެ.

ކޮމެންޓް