އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު، ފުލުހަށް ހާޒިރުވުމަށްފަހު.--
ފިޔާޒާއި ހަސަންގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި
މަރްޔަމް މުޙައްމަދު 12 މޭ 2026 (އަންގާރަ)   11:19
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.

ފިޔާޒު އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.

ކްރިމިނަލް ކޯޓުން ފިޔާޒާއި ހަސަނަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އޮތީ މެއި 13 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގައެވެ.

އެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ އެވެ.

'އައިޝާ ޑޮކިއުމެންޓްރީ' ގައި ރައީސް އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކަށް، ރައީސް މުއިއްޒު ޖިންސީ ގޯނާ ކުރި ކަމަށް އެ މުވައްޒަފު ތުހުމަތު ކޮށްފައި ވެއެވެ.

ފިޔާޒު އާއި ހަސަންގެ މައްޗަށް ދައުވާ އުފުލީ ޑޮކިއުމެންޓްރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ރައީސް މުއިއްޒެވެ.

އޭގެ ފަހުން ފުލުހުން ވަނީ ހަމަ އެދުވަހުގެރޭ އަދަދުގެ އޮފީސް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެއެވެ.

ފިޔާޒު އާއި ހަސަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން، 10 މެއި ގައި ވަނީ 'ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި' އަމުރެއްވެސް ނެރަފަ އެވެ. އެ އަމުރުގައި އަންގާފައި ވަނީ އެ މައްސަލަ ނިމެންދެން ޑޮކިއުމެންޓަރީ މުޖްތަމައުގައި ނުފެތުރުމަށާއި އެވާހަކަ ނުދެއްކުމަށެވެ.

ކޮމެންޓް