ޝަހުޒާން އާއި ލީވާން، މިއަދު ކްރިމިނަލް ކޯޓު ސަރަހައްދުގައި.--
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި
ފިޔެސް 12 މޭ 2026 (އަންގާރަ)   18:30
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުކުރިކަމުގެ ތުހުމަތު ކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.

އަދަދުގެ ދެ ނޫސްވެރިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ހިލާފުވި ކަމަށް ބަލައި ހުކުމް ކުރިއިރު ލީވާންގެ މައްޗަށް ހުކުމް ކުރީ، ކޯޓުން އެ އަމުރު ނެރުނު ހަބަރު ލިޔުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައެވެ. 

ލީވާން އަށް ރޭ ކޯޓުގެ ޗިޓު ފޮނުވައި މިއަދު ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުވެ، ގާނޫނީ ހަމަޖެއްސުމަށް އޭނާ އެދުނީ 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ބެންޗުން ނިންމީ އެންމެ 2 ގަޑިއިރު ލީވާނަށް ދިނުމަށެވެ. އެއާއެކު އޭނާ ކޯޓަށް ހާޒިރުވީ 14:00 އަށެވެ.

ދެވަނައަށް އޮތް އަޑުއެހުމުގައި ކޯޓުން ހުކުމް ކުރީ ހަބަރެއް ލިިޔެގެން އޭނާ ކުށްވެރިވެފައިވާ ކަމަށެވެ. އެ މައްްސަލައިގައި އޭނާ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ޖަލަށް ހުކުމް ކުރީ 10 ދުވަހުގެ މުއްދަތަށެވެ. 

ޝަހުޒާން ކޯޓަށް ހާޒިރުވާން ރޭ އެންގުމުން މިއަދު މެންދުރު 13:00 ގައި ކޯޓަށް ހާޒިރުވެ އޭނާ އެދުނީ ވަކީލެއް ހަމަޖެއްސުމަށް އިތުރު މުއްދަތު ދިނުމަށެވެ. ނަމަވެސް، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުން ނިންމީ ޝަހުޒާނަށް ވަކީލެއް އައްޔަނުކުރަން 2 ގަޑިއިރު ދިނުމަށެވެ. 

އެ މުއްދަތުގައި އޭނާއަށް ވަކީލެއް ލިބިފައިނުވާއިރު ކޯޓުން އަވަސް އަރުވާލައިގެން ހުކުމް ކުރީ ޝަހުޒާން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. 

ޝަހުޒާން ކޯޓު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބެލީ، ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްކޮންފަރެންސްގައި އޭނާއަށް ލިބިހުރި މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ރައީސް މުއިއްޒުއާ ސުވާލު ކުރުމުންނެވެ. 

ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ "ގެގް އޯޑާ އާ ހިލާފަށް އެ ސުވާލު ނުކުރެވޭނެ" ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށެވެ. އަދި އޭނާ ހަމަ އެވަގުތު ރައީސް އޮފީހުގެ ސެކިއުރިޓީން މެދުވެރިވެގެން ބޭރުކޮށްލިއެވެ. 

އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅުވައި ކޯޓުން އަމުރު ނެރެ، އަދި އެ އަމުރާ ހިލާފުވި ކަމަށްބަލައި ޝަހުޒާން އާއި ލީވާން ޖަލަށްލީއިރު، އެ ޑޮކިއުމެންޓްރީ މައްސަލާގައި އެންމެ ފުރަތަމަ ދައުވާ ކުރީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވަނީ މާދަމާ 13:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ. 

މި ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ، އާންމުންނާއި ނޫސްވެރިންނަށްވެސް ނުވަދެވޭނޭހެން ސިއްރުކޮށްގެންނެވެ. 

ކޮމެންޓް