
ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، މިއަދު ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް މިއަދު ހެނދުނު ބޭރުކޮށްފައި ވަނިކޮށެވެ.
މީގެއިތުރުން، މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް މިދިޔަ އޭޕްރީލް މަހު ވަކިކޮށްފައިވާ ނާޒިމް، އެ މަޖިލީހުގެ ނައިބުރައީސް ކަމުން ވަކިކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމާފައި ވާއިރު، އެ ކަމަށް ބޭނުންވާ ސޮއި މިހާރު ވަނީ ހަމަކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަދި އޭގެކުރިން ނާޒިމަށް ވަނީ އިސްތިއުފާދިނުމަށް ވެސް އަންގާފައި ކަމަށާ، އެހެން ނަމަވެސް، ނާޒިމް އެ ކަމަށް ދެކޮޅު ހެއްދެވުމުން އެންމެފަހުން އެބޭފުޅާ އެ މަގާމުން ވަކިކުރުމަށް ނިންމީކަމަށް ވެސް ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި މިހާތަނަށް ޕީއެންސީގެ ރަސްމީ ބަހެއް ނުލިބެއެވެ. އަދި މިކަމުގައި ނާޒިމްގެ ފަރާތުން ވެސް ބަހެއް ލިބޭނެގޮތެއް އަދި ނުވެއެވެ.
މަޖިލީހުގެ ނައިބު ރައީސް އެ މަގާމުން ވަކިކުރަން ހުށަހަޅަންޖެހިއްޖެ ނަމަ، މަދުވެގެން 24 މެންބަރުންގެ ސޮއި ބޭނުންވެއެވެ. އެހެންކަމުން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީއަށް މިއީ އުނދަގޫކަމަކަށް ނުވާނެކަން ފާހަގަކޮށްލެވެއެވެ.




