
ނާޒިމް މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތްކުރައްވާ ކަމަށް ބުނެ ހުށަހެޅި މި ގަރާރު ހުށަހަޅާފައި ވަނީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ 73 މެންބަރުންގެ ސޮޔާއެކު އެވެ. ނާޒިމް އެ މަގާމުން ވަކިކުރަން ބޭނުންވަނީ މަދުވެގެން 24 މެންބަރުންގެ ސޮއި އެވެ.
އެ ގަރާރުގައި، ނާޒިމް ބުރަވެވަޑައިގަންނަވާ ކަމަށް ބުނާ ސިޔާސީ ފިކުރަކީ ކޮބައިކަން ބަޔާންކޮށްފައި ނުވި ނަމަވެސް، މަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމުގައި ނާޒިމް ފުޅާ ދާއިރާއެއްގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށާ، ގާނޫނުއަސާސީން މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް އޭނާ ހުރަހަކަށް ވެފައިވާކަން ސާފުވާން އޮތް ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.
ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފުރަތަމަ ފެށީވެސް، ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބުދަދުވަހު ހެނދުނު ބޭރުކުރުމަށް ފަހު އެވެ.
މީގެއިތުރުން، މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް މިދިޔަ އޭޕްރީލް މަހު ވަކިކޮށްފައިވާ ނާޒިމް، އެ މަޖިލީހުގެ ނައިބުރައީސް ކަމުން ވަކިކުރަން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ނިންމުމުގެ ކުރިން، އޭނާއަށް އިސްތިއުފާދިނުމަށް ވެސް އަންގާފައިވާ ކަމަށާ، ނަމަވެސް، ނާޒިމް އެ ކަމަށް ދެކޮޅު ހެއްދެވުމުން އެންމެފަހުން އެބޭފުޅާ އެ މަގާމުން ވަކިކުރުމަށް ނިންމީކަމަށް ވެސް ޕީއެންސީގެ މަޖިލިސް މެންބަރަކު މައުލޫމާތު ދެއްވިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރޭގެ ވަގުތެއްގައި ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފައެވެ.
ނާޒިމް އެ މަގާމުން ވަކިކުރަން, ޕީއެންސީން ހުށަހަޅާފައި ވަނިކޮށް, މަޖިލީހުގެ ޗުއްޓީ ފަސް ކުރަން މިއަދު ފާސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިހާރު ހިނގަމުންދާ ދައުރުގެ ފަހު ދުވަހަކީ މާދަމާ ކަމަށް ވީނަމަވެސް އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކުރަން މިއަދު ފާސްކުރިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން ދައުރު ދަންމާލުމަށް ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ.
އަދި މި ހުށަހެޅުން، ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވެފައި ވާއިރު މި ހުށަހެޅުމާ ދެކޮޅަށް 11 މެމްބަރަކު ވޯޓު ވެސް ދެއްވިއެވެ.
އެހެންކަމުން، މަޖިލީހުގެ މި ދައުރު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްވިކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކުރައްވާފައި ވާއިރު، މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްދުކުރައްވާ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެފައި ވެއެވެ.




