
އައްޑޫ ސީޓީގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސޯބެ ހޮވުމަށް ކޮންމެހެން މުހިންމު ސަބަބުތަކެއް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސޯބެ ކޮންމެހެން ވެސް ހޮވަން މިޖެހެނީ، މި ވެރިކަން ބަދަލުކުރުމަށްކަމަށެވެ.
އެގޮތުން، ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސަރުކާރާ ދެކޮޅަށް ތެދުވެ، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ، އެއީ ސަމާސާއަކަށް ދައްކަވާ ވާހަކަފުޅެއް ނޫން ކަމަށާއި، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރަން އެބަޖެހޭ ކަމަށެވެ.
އަދި، ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން މިހާރުވެސް ތިއްބެވީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި، ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ ގަރާރުގައި ސޮއިކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާ، އެ ގަރާރު މަޖިލީހަށް ހުށަހަޅާއިރު އެންމެ ފުރަތަމަ އޮންނާނީ ސޯބެގެ ނަންކަމަށް ޔަގީންކަން ދެއްވާކަމަށެވެ.
ރައީސް ސޯލިހުގެ ވާހަކައިގާ ވިދާޅުވީ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯބެ މިހާރު ވާދަކުރައްވާ މަޖިލިސް ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.
އަދި ދާއިރާގެ ހުރިހާ ރައްޔިތުން ނުކުމެ ސޯބެއަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ސޯބެ އަކީ އައްޑޫ ސިޓީއަށް ގެނެވުނު ޒަމާނީ ގިނަ ބަދަލުތަކުގެ މޭސްތިރިޔާ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރު ވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދިފައި ނުވާ ކަމަށް ވިދާޅުވެ މި ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ، މިހާރު ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާ، ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ކަނޑުވާލާފައި ކަމަށެވެ.
އަދި 'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ވަގުތުން މިނިވަންކުރުމަށް ވެސް ރައީސް ސޯލިހު ރޭ ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 6 ވަނަ ދުވަހު ތަރުތީބުކޮށްފައި ވާއިރު، (އެމްޑީޕީ) ގެ ޓިކެޓުގައި އަބްދުﷲ ސޯދިގު (ސޯބެ) ވާދަކުރާއިރު، ދެން އެ ގޮނޑިއަށް ވާދަކުރައްވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު އެވެ.
ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވުނު ގޮތް:
އަހްމަދު ސައީދު - (ކެންޑިޑޭޓް ނަންބަރު 1)
އަބްދުﷲ ސޯދިގު (ސޯބެ) - (ކެންޑިޑޭޓް ނަންބަރު 2)
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
ގޮނޑި ގެއްލުމުން ބައި-އިލެކްޝަންގައި ވާދަކުރައްވަން ޕީއެންސީގެ ޕްރައިމަރީގައި ސައީދުގެ މައްޗަށް ސިނާނު ކުރި ހޯއްދެވި އެވެ. ޕްރައިމަރީގައި ސިނާނަށް 226 ވޯޓު ލިބުނުއިރު، ސައީދަށް ލިބުނީ 187 ވޯޓެވެ.
ނަމަވެސް ސިނާން ފަހުން ވަނީ ބައި-އިލެކްޝަންގައި ވާދަ ނުކުރައްވަން ނިންމަވާފަ އެވެ. ސިނާން ވިދާޅުވީ ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ އެއީ އިންތިހާބު ކާމިޔާބުކުރަން ޕާޓީއަށް އެންމެ ފަހި ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސޯބެ، ޓިކެޓު ކަށަވަރުކުރެއްވީ ޕްރައިމަރީއަކާ ނުލަ އެވެ. ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި އެމްޑީޕީން ބައި-އިލެކްޝަނަށް ޝައުގުވެރިކަން ފާޅުކުރީ ސޯބެ އެކަންޏެވެ.
މިމަހުގެ 4 ވަނަ ދުވަހުގެރޭ ސޯބެގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފައި ވާއިރު، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.




