ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް - ފޮޓޯ: މަޖިލިސް
ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް ޕެންޝަން ނުދޭގޮތަށް ފާސްކޮށްފި
މަރްޔަމް މުޙައްމަދު 14 މޭ 2026 (ބުރާސްފަތި)   13:52
އަސާސީ ޕެންޝަނަށް ލިބޭވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އަސާސީ ޕެންޝަނަށް ނުލިބޭގޮތް ހެދުމަށް ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެނައި އިސްލާހުތަކާއެކުގައި ފާސްކޮށްފައި ވާއިރު، މި ބިލަކީ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެކަމަށް ކަނޑައަޅައި، ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުން ހުށަހެޅުއްވި ބިލެއްކަމަށް ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ހަސަން މުފީދު ވިދާޅުވިއެވެ.

އަދި ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބުކަމަށް ވާއިރު، އޭގެ އިތުރުން ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަންވެސް މި އިސްލާހުގެ ދަށުން ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ހަސަން މުފީދު ވިދާޅުވިއެވެ.

ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަކީ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހެއްތޯ ނުވަތަ އަސާސީ ޕެންޝަން ޙައްގު މީހެއްތޯ ބެލުމުގައި އަމަލުކުރަންވާ އުސޫލުތަކާއި އިޖުރާއަތްތައް މާލީ ވުޒާރާގެ މަޝްވަރާއާއެކު ކަނޑައަޅަންޖެހޭނި ޕެންޝަން އޮފީހުގެ ބޯޑުންނެވެ.

މި ބިލުގައި އަސާސީ ޕެންޝަން ލިބެމުންދާ މީހަކު، ގާނޫނުއަސާސީގެ ދަށުން ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް އަތުވެއްޖެނަމަ ނުވަތަ ދައުލަތާއި ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ގުޅިއްޖެނަމަ އެ މީހަކަސް ޕެންޝަން ނުލިބޭނެކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ގެދޮރު ގަތުމަށްޓަކައި ނުވަތަ އިމާރާތްކުރުމަށް އަދި މަރާމާތުކުރުމަށް ޑައުންޕޭމަންޓުގެ ފައިސާ ޕެންޑަން ފަންޑުގެ ފައިސާއިން ކޮލެޓަރަލައިޒްކުރެވޭނެކަމަށްވެސް ބިލުގައިވަނީބަޔާންކޮށްފައެެވެ. މިކަމަށް ޚާއްސަ ގަވާއިދެއް ހަދަންޖެހޭއިރު މިފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ ބޭންކުން ދޫކުރާ ލޯނަކަށް ނުވަތަ ފައިނޭންސް ކުރާ ކުންފުންޏަކުން އަދި މާލީ މުއައްސަސާއަކުން ދޫކުރާ ލޯނުތަކަށެވެ.

ޓަރމިނަލް އިލްނަސް ކަމަށް ބިލުގައި ބުނެފައިވަނީ ސިއްހީ ފަރުވާ ފޯރުކޮށްދިން ނަމަވެސް 12 މަސްދުވަހަށްވުރެ ދިގުމުއްދަކަށް އެ މީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް އެ ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަނޑައަޅާ ހާލަތްތަކެވެ. އެ ހާލަތުގައި އެ މީހާގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރެވޭނެއެވެ.

މި ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު އިތުރު އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބަވާނީ 9 މެންބަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭނީ ޗެއަރޕާސަން އާއި ދައުލަތުގެ މާލީ ކަންކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާގެ ސިވިލް ސަރވިސްގެ އިސް މުވައްޒަފަކާއި ސޯޝަލް ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ވުޒާރާއެއްގެ ސިވިލް ސަރވިސް މުވައްޒަފަކާއި ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ ވުޒާރާއެއްގެ ސިވިލް ސަރވިސް މުވައްޒަފެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރ އަށް ނިސްބަތްވާ 5 މެންބަރުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑަށް ސީއީއޯ ފިޔަވައި އެހެން މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. ސީއީއޯ އައްޔަން ކުރާނީ ބޯޑުންނެވެ.

ކޮމެންޓް
Shareef
4 days ago
މުއްސަދިންނަށް ކޮށާމަށާފައި، އޮތް ބިލެއް. އެމީހުންނަށް ޕެންޝަން ނުދޭން ލިޔުނަކަސް ބިލުގެ ބޭނުމަކީ ޢެމީހުން ފަންޑުގައި ހުރި ފައިސާ ފްލެޓްތަކަށް އިންވެސްޓުކުރުމަށް ނެގުމަށް މަގުހޯދުން. މުއްސަދިން ޕެންޝަން ދައްކަން ނުޖެހޭ ގޮތް ހެދުން.