ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް.-- ފޮޓޯ: މަޖިލިސް
ނޫސްވެރިންގެ ދިފާއުގައި މީކާއީލް ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް
ރިޔާސަތުން އަމަލުކުރީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ މީކާއީލް އިހުތިޖާޖު ކުރުމުން ނަންއިއްވައި މަޖިލީހުގެ ޖަލްސާއިން ވަނީ ނެރެފައި
ފިޔެސް 14 މޭ 2026 (ބުރާސްފަތި)   11:16
ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ނޫސްވެރިން ހައްޔަރުކުރަމުންދާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ، ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތާ އެއްގޮތަށް ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލާގައި އޮތީ "އަދަދު ނޫހުން ޝާއިއުކުރި ނޫސްބަޔާނަކާ ގުޅިގެން" ނޫސްވެރިއަކު ކުއްލި ގޮތަކަށް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ ކަމަށާ، ނޫސްވެރިން ބަންދުގައި ތިބީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމަށް ވިދާޅުވެ، ރިޔާސަތުން ނިންމީ، މީކާއިލް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށެވެ. 

މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ (ހ) ގެ ދަށުން މީކާއީލް ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި، ނޫސްވެރިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ހުރަސްއަޅަމުންދާކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

ކުއްލި މައްސަލާގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތައް:

  • ސުވާލުކުރުމުން ހައްޔަރުކުރުން: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'އަދަދު' ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހައްޔަރުކޮށް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގު ނިގުޅައިގަނެފައިވާކަން.
  • މީޑިއާތަކަށް ފުރުސަތު ބަންދުކުރުން: ރައީސް އޮފީހުގެ އުސޫލުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، 'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް އެ އޮފީހުގެ ޕްރެސްތަކުގައި ބައިވެރިނުވެވޭނެކަން އަންގައި، މައުލޫމާތު ފެތުރުމަށް ހުރަސްއަޅާފައިވާކަން.
  • ބިރުވެރި މާހައުލެއް އުފެއްދުން: ނޫސްވެރިން ކުއްލި ގޮތަކަށް ހައްޔަރުކޮށް ބަންދުކުރުމުގެ ސަބަބުން، ނޫސްވެރިކަމުގެ މާހައުލުގައި ބިރުވެރިކަން އުފެދި، ހިޔާލުފާޅުކުރުމުގެ ހައްގަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަން.
  • ބައިނަލްއަގުވާމީ ގިންތީގައި ރާއްޖެ ދަށަށް ދިއުން: 2026 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވުމަކީ، ރާއްޖޭގައި މިނިވަން މުއައްސަސާތަކުގެ ބާރު ކުޑަވެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޮޑުތަނުން ހީނަރުވެފައިވާކަމުގެ ހެއްކެއްކަން.

މީކާއީލްގެ ކުއްލި މައްސަލަ ބަލައިނުގަތުމުން، އެޖެންޑާގައި ކުރިއަށްދިޔަ އެހެން މައްސަލައެއްގައި އޭނާ ވަނީ އެކަން ފާހަގަ ކުރައްވައި "ޖެހިގެން މިއުޅެނީ އެލް-ސޯފާ އެއްގެ މައްސަލަ" ކަމަށް ވިދާޅުވެފައެވެ. އެޔާއެކު އޭނާގެ ވާހަކަ ރިޔާސަތުން ހުއްޓުވިއެވެ. އަދި ތަކުރާރުކޮށް އެގޮތަށް އަމަލުކުރެއްވުމުން، ވާހަކަ ދެއްކެވުމުގެ ފުރުސަތު ރިޔާސަތުން ނުދެއްވި އެވެ. 

ރިޔާސަތުން އެކަން ކުރީ މަޖިލިސްގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، މީކާއީލް އެކަމާ އިހުތިޖާޖު ކުރެއްވުމުން، ރިޔާސަތުން އޭނާގެ ނަން އިއްވައި މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް ވަނީ މަޖިލީހުގެ ތަޅުމުން ނެރެފައެވެ. 

ކޮމެންޓް