
"އިތުބާރު" މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ ރާއްޖެ ހަމަ މަގަށް އެޅޭނީ ވަކި މީހަކު ދައުލަތުގެ އިސް ވެރިޔަކަށް ގެނެސްގެން ނުވަތަ ވަކި މީހަކު ސަރުކާރު ހިންގަން ގެނެސްގެން ނޫންކަމަށެވެ.
"މި ގައުމު ހަމަ މަގަށް އެޅޭނީ އާ ޒުވާން ޖީލަކާ މި ޕާޓީ ހަވާލުކޮށްގެން،" މީކާއިލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ ސިޔާސީ ދާއިރާއަކީ ހަޑި ދާއިރާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، އުސޫލުތަކެއްގެ މައްޗަށް ބިނާކުރާ ޕްރިންސިޕަލްޑް ޕޮލިޓިކްސްއެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި 2028 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް، ވަކި ކޮޅަކަށް ނުޖެހޭ އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބާއްވައިދެއްވާނެ ކަމަށާއި، ޗެއަރޕާސަންގެ މަގާމުގައި ހުންނަ ފަރާތަކީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ މީހެއްގެ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާގޮތް ކޮންމެ މަހަކު އާންމުކުރުމާއެކު، ކުލީގެ އަޅުވެތިކަމުން މިންޖުވެ ޕާޓީގެ ދާއިމީ މައި މަރުކަޒެއް މާލޭގައި ގާއިމުކުރައްވާނެ ކަމަށް މީކާއީލް ވައުދުވެވަޑައިގަތެވެ. ޕާޓީގެ ހަރަކާތްތައް މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ގައުމީ މަޖިލީހުން ކަނޑައަޅާ ފޯމިއުލާއަކުން ރަށްރަށަށް ފައިސާ ފޯރުކޮށްދެއްވުމަށާއި، ޒުވާނުންނާއި އަންހެނުންނަށް ޕާޓީގެ ބަޖެޓުން ބައެއް ހާއްސަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި ހުރި ފެކްޝަންތަކާއި ޚިޔާލުތަފާތުވުންތައް އެއްގަލަކަށް އަރުވައި، ޕާޓީ އެއްބައިވަންތަ ކުރާނެ "ޔުނިޓީ ކެންޑިޑޭޓަކީ" އޭނާ އެވެ.
ޖަލްސާ ކުރުކޮށްލުމަށްފަހު ނޫސްވެރިން މިނިވަން ކުރަން ގޮވާލާ މުޒާހަރާ ކުރަނީ.--
ގިނަ އަދަދެއްގެ މީހުންނާއެކު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ކުރުކޮށްލައްވަމުން، މީކާއީލް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ވަގުތު އިސްރާފުކުރެވެން ނެތް ކަމަށާ، ގައުމުގެ ހާލަތު އޮތްގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނައްތާލަމުންދާތީ، އެ ހައްގުތައް ހިމާޔަތްކުރުމަށް އެވަގުތުވެސް ސީދާ ހަރަކާތަށް ނުކުންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށްފަހު އޭނާ ވަނީ ވާހަކަ ކުރުކޮށްލައްވައި ގިނަބަޔަކާއެކު މަގުމައްޗަށް ނުކުންނަވައި ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނާއި ސިޔާސީ ހައްޔަރީން ދޫކޮށްލަން ގޮވާލައި މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެވެ.
ރޭގެ މުޒާހަރާވެސް ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކޮށް ޕެޕަރސްޕްރޭ ޖަހައިގެންނެވެ.




