ހަސަން، ފުލުހުންގެ އިންވެސްޓިގޭޝަން އިމާރާތަށް ވަންނަނީ.-- ފޮޓޯ: އަދަދު
"އަދަދު" އެޑިޓަރު ހަސަންގެ ޝަރީއަތް ވެސް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި
ޖުނާން އަޙުމަދު 1 ޖޫން 2026 (ހޯމަ)   14:59
ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ އުފުލާފައިވާ "އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކުރިއަށްގެންދާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ  މި މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

އަންނަ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސިއްރުކޮށްގެން ކަމަށް ވާއިރު، މި މައްސަލައިގައި، ހަސަންގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒްގެ މައްޗަށް ވެސް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފިޔާޒުގެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށްދިއުމަށް ހަމަޖެހިފައި ވަނީ ހަމަ އެއް ދުވަހެއްގައި، އެއް ވަގުތެއްގަ އެވެ.

މި ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ނިންމީ އަދަދު ނޫހުން 'އައިޝާ' ގެ ނަމުގައި ޑޮކިއުމެންޓަރީއެއް ތައްޔާރުކޮށް އާންމުކުރި މައްސަލައިގައި ކަމަށްވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ދެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް ކޯޓަށް ފޮނުވީ މިމަހުގެ 10 ވީ އާދިއްތަ ދުވަހު އެވެ. ތަހުގީގަށް ފުލުހުންގެ އިދާރާއަށް ފިޔާޒާއި ހަސަން ހާޒިރު ކުރުމުން ތުހުމަތަށް އިންކާރު ކުރައްވައި ދެބޭފުޅުންވެސް ހަނު ތިބީ އެވެ. ހަނު ތިބެފައިވަނީ  ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ބުނެއެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދުމުން، އަދަދު ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއްވެސް ވަނީ ނެރެފައެވެ.

އެ އަމުރު ނެރެފައި ވަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކާ ގުޅިގެން އަދަދުގެ ނޫސްވެރިޔާ ޝަހުޒާން އަދި އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތަކުން އަދަދުގެ ނޫސްވެރިޔާ ލީވާން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، މެއި 12 ގައި ޖަލަށްލާން ހުކުމް ކުރިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އަދަދުގެ މައްޗަށް ތަހުގީގު މަރުހަލާގައި ވެސް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.

މިއީ މި ފަހުގެ ތާރީހުގައި ނޫސްވެރިންނާ މެދު އެންމެ ހަރުކަށިކޮށް އަމަލުކުރި ފަހަރެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ވަނީ މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އައި ކަޅު ދުވަހެއްކަން ފާހަގަކޮށް ޖަލަށްލީ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް