
އޭނާ މިނިވަންވީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
މާޗް 28 ވަނަ ދުވަހު ނެރުނު އެ ޑޮކިއުމެންޓަރީއަކީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒަށް ޖިންސީ ފުރައްސާރަ އާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ވާހަކަތައް ގެނެސްދީފައިވާ 30 މިނެޓުގެ ވީޑިއޯ ފިލްމެކެވެ. އެ އަންހެން މުވައްޒަފުގެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ.
ޝަހުޒާނަށް މެއި 11 ވަނަ ދުވަހުގެރޭ ކޯޓުގެ ޗިޓު ފޮނުވައި 12 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް ކޯޓަށް ހާޒިރުވާން އެންގިއެވެ. ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް އޭނާއަށް ދިނީ އެންމެ 2 ގަޑިއިރެވެ.
އެ މުއްދަތުގައި އޭނާއަށް ވަކީލެއް ލިބިފައިނުވާއިރު ކޯޓުން އަވަސް އަރުވާލައިގެން ހުކުމް ކުރީ ޝަހުޒާން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.
ޝަހުޒާން ކޯޓު އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބެލީ، ރައީސް އޮފީހުގައި މެއި 11 ގައި އޮތް ނޫސްކޮންފަރެންސްގައި އޭނާއަށް ލިބިހުރި މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ރައީސް މުއިއްޒުއާ ސުވާލު ކުރުމުންނެވެ.
ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ "ގެގް އޯޑާ އާ ހިލާފަށް އެ ސުވާލު ނުކުރެވޭނެ" ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށެވެ. އަދި އޭނާ ހަމަ އެވަގުތު ރައީސް އޮފީހުގެ ސެކިއުރިޓީން މެދުވެރިވެގެން ބޭރުކޮށްލިއެވެ.
ޝަހުޒާނަށްކުރި ހުކުމާ އެއްގޮތަށް 15 ދުވަސް ޖަލުގެ ކުޑަ ގޮޅިއެއްގައި ހޭދަކުރުމަށްފަހު ނުކުމެ އޭނާ ވަނީ ޖަލުގެ ހާލަތު ކޮންމެވެސް ވަރަކަށް މީޑިއާއަށް ތިލަކޮށްދީފަ އެވެ.
އަދި އޭނާ ވަނީ އަދަދުގެ ސީއީއޯ އަށާއި މެނޭޖިން އެޑިޓަރުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދިޔުމަށް ގޮވާލުމުގެ އިތުރުން ނޫސްވެރިން ދޫކޮށްލަން ގޮވާލައި މުޒާހަރާ ކޮށްގެން މިހާރުވެސް ޖަލުގައި ބަންދުކޮށްފައިތިބި އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމަށްވާ ޝާމިން އާއި މުޝައްފައު ވަގުތުން ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.




