މޭޔަރު އާޒިމްގެ އެދުމަކީ ގްރޭޓާ މާލޭގެ އިހުތިސޯސް ކައުންސިލްގެ ދަށަށް ދޫކޮށް ދިނުން
ޖުނާން އަޙުމަދު 17 މޭ 2026 (އާދީއްތަ)   16:40
ހުޅުމާލެވެސް ހިމެނޭ ގޮތަށް ގްރޭޓާ މާލޭގެ އިހުތިސޯސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ދޫކޮށް ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި މޭޔަރު އާޒިމް ވިދާޅުވީ ގްރޭޓާ މާލޭގެ ތަރައްގީއާއި ތަމައްދުން އަދި ހިންގުންތެރިކަމާ ބެހޭ ގޮތުން މުހިންމު ވާހަކަ އެއް ދަންނަވާލަން އޮތް ކަމަށެވެ.

"މި ސަރައްދު ރައްޔިތުންގެ ވަރަށްބޮޑު އާދޭހެއް އެއީ ހުޅުމާލެވެސް ހިމެނޭ ގޮތަށް ގްރޭޓާ މާލޭގެ އިހުތިސޯސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ދޫކޮށްލައްވައި ދެއްވުން. ގާނޫނީ ގޮތުން ކުރަން ސަރުކާރަށް ލާޒިމުކުރާ އެކަން ފުރިހަމަކޮށްދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން އެދޭ ވަރަށް ބޮޑު އެދުމެއް،" އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް މީގެ އިތުރުން ދެއްކެވި ވާހަކައިގާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކަކީ މާލޭގެ އިންތަކަށް ވުރެ މާ ދުރަށް އަސަރު ފޯރާނެ ކަންކަން ކަމަށާއި، އެ ނިންމުންތައް ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.

ކައުންސިލްގެ މަސައްކަތްތައް ބައްޓަންކުރާނީ ސީދާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށާއި މާލޭގެ ބިމުގެ ދަތިކަމާއި ތޮއްޖެހުމަށް ހައްލެއް ހޯދުމަށްޓަކައި، މުސްތަގުބަލަށް ބިން ބޭނުންކުރެވޭނެ ހަރުދަނާ ޕްލޭންތަކެއް ބޭނުންވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

"ކޮންމެ ނިންމުމަކީ މިއަދުގެ ބޭނުންތަކާއި މާދަމާގެ ރައްކާތެރިކަމަށް ނިންމާ ނިންމުމަކަށް ވާން ޖެހޭނެ. ދެވަނަ ކަމަކީ އިތުބާރު ހުރި ހަރުދަނާ މުނިސިޕަލް ހިދުމަތްތައް ދިނުން،" އާޒިމް ވިދާޅުވިއެވެ.

މިގޮތުން ކުނި މެނޭޖްކުރުމާއި، މަގުތައް ބެލެހެއްޓުމާއި، މާރުކޭޓުތަކާއި އާސާރީ ތަންތަން ރައްކާތެރިކުރުމަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަންކަން ކަމަށް މޭޔަރު ވިދާޅުވިއެވެ. އޭނާގެ އަމާޒަކީ ޚިދުމަތުގެ ފެންވަރު މަތިކޮށް، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ރެސިލިއަންޓް ސިޓީއަކަށް މާލެ ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

މާލީ ނަޒާހާތްތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާއަށް ކައުންސިލުން ފުރިހަމައަށް ޒިންމާދާރުވާންޖެހޭނެ ކަމަށެވެ. ބަޖެޓަކީ ހަގީގަތާ އެއްގޮތަށް ހިސާބު ދިމާވާ އެއްޗަކަށް ހަދާނެ ކަމަށާއި، އިންޓާނަލް އޮޑިޓަކީ ފާޑުކިޔުމެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެއީ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލުން ކަންކަން އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހޭނެ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން، ދެފުށް ފެންނަ އުސޫލަކުން ކަމަށެވެ.

ކޮމެންޓް